ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ސަރުކާރުން ޗާގޯސް ހޯދަން ނޫޅޭކަމަށް ބުނެ އީޔޫ ބައްދަލުވުމެއްގައި ވާހަކަދައްކާފައި ނުވާނެ: ޚަލީލް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިއޭގޯ ގާސިއާ ހިމެނޭހެން ޗާގޯސްގެ ރަށްތަކަށް ދިވެހި ސަރުކާރުން ދައުވާ ނުކުރާކަމަށް ބުނެ ޔޫރަޕިއަން ޕާލިމަންޓުން ދެކުނު އޭޝިއާއަށް ކަނޑައަޅާފައިވާ ޑެލިގޭޝަނާއެކު ބޭއްވި ބައްދަލުވުމުގައި އެއްވެސް ވާހަކައެއް ދެކެވިފައި ނުވާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސަރުކާރަށް އެންމެ ބޮޑަށް އޭރުގެ އިދިކޮޅުން ކުރި ތުހުމަތަކީ ރާއްޖެ – މޮރިޝަސް ކަނޑުގެ ސަރަހައްދު ފުށު އަރާ މައްސަލައިގައި އިންޓަނޭޝަނަލް ޓަރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް މައްސަލަ ނިމުނީ އެމަނިކުފާނު އެކަމުގައި އަމަލު ކުރެއްވި ގޮތުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖެއިން ސްޓޭންޑު ބަދަލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވުމުގެ ފަހަތުގައި ވެސް ޑީލްތަކެއް ވާކަމަށް ބުނެފައި ވެއެވެ.

ގެއްލުނުކަމަށް ބުނާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަކީ، ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި އެކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ރިޕޯޓުތަކެއް އެކުލަވާލައި އެކަމަށް މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައި ވެއެވެ. އެހެން ނަމަވެސް ފަހުން ޗާގޮސްއާއި ގުޅޭ މަސައްކަތެއް ނުދާކަމަށް ބުނެ ފާޑުކިއުން އޮތީ އަމާޒުވެފަ އެވެ.

ޗާގޮސްއަކީ ރާއްޖޭގެ ތަނެއް ނޫންކަމާއި އެތަން ހޯދުމަށް ދިވެހިރާއްޖެއިން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ސަރުކާރުގެ ފަރާތުން އީޔޫއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީ ވިދާޅުވެފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ޔޫރަޕިއަން ޕާލިމަންޓުގައި އެ ވާހަކަ ދެކެވުނުކަމަށް ބުނެ އިދިކޮޅު އެމްޑީޕީ ވެސް މި މަހުގެ ކުރީކޮޅު ބަޔާނެއް ނެރުނެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ޗާގޮސް ހޯދުމަށް ސަރުކާރުން ކުރާ ކެމްޕެއިނަކީ ހަމައެކަނި ދިވެހިންގެ ތެރެއަށް ދޫކޮށްލާ ވާހަކައެއް ކަމަށެވެ. އަދި ޑިއޭގޯ ގާސިއާއި ގުޅޭގޮތުން ދިވެހިރާއްޖެއިން އެއްވެސް ސިޔާސަތެއް ނުގެންގުޅޭތީ، އެކަމަށް މަސައްކަތެއް ނުކުރާކަމަށް ގީލާ ވިދާޅުވި ކަމަށެވެ. އެ ބައްދަލުވުމުގައި އެމްޑިޕީގެ ސަރުކާރުގެ އެންވައިރޮމެންޓް މިނިސްޓަރ އާމިނަތު ޝައުނާއާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހާޒިރުވެ ތިއްބެވިކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

މައްސަލައިގައި މިނިސްޓަރ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗާގޮސްއާއި ގުޅޭގޮތުން ގީލާ ދެއްކެވި ވާހަކަ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ ހަގީގަތް އޮޅޭ ގޮތަށްކަމަށެވެ. ޚަލީލް ވިދާޅުވީ ގީލާއަށް ޔޫރަޕިއަން ޕާލިމެންޓުން ކުރި ސުވާލަކީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާއި މެދު ދެކިވަޑައިގަންނަވާ ގޮތެވެ. އަދި ވިދާޅުވީ ސަފީރުގެ ޖަވާބުގައި ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް މާކުރިއްސުރެ ގާއިމުވެފައިވާކަމާއި، ރާއްޖެއާއި އެމެރިކާ ދެމެދު އޮންނަނީ ގާތް ގުޅުމެއްކަން ފާހަގަކުރެއްވިކަމަށެވެ. 

ޚަލީލް ވިދަޅުވީ ކަނޑައެޅިފައިވާ ނިޒާމުތަކާއި ހިލާފަށް ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަޝްވަރާއެއް ހޯދުމެއް ނެތި ފޯޅަވަހީގެ ހައްގުތައް ދޫކޮށްލީ އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ. 2022 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން އެގޮތަށް ނިންމާފައި ވަނީ ރާއްޖެއަށް ފޯޅަވަހީ ލިބޭނެ އެއްވެސް އިތުރު މަގެއް އޮތްތޯ ބެލުމެއް ނެތި، ފޮނުވާލި ސިޓީއަކުންކަން ދިވެހި ރައްޔިތުންނަށް އޮޅުވާނުލެވޭނެކަމަށް ޚަލީލް ވިދާޅުވި އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ގަބޫލު ކުރެވޭތީ، އިނގިރޭސިވިލާތުގެ ސަރުކާރަށް ކިތާބީ ހެކިތަކާއި އެކު ސިޓީއެއް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފޮނުވާފަ އެވެ.

ގެއްލުނު ކަނޑުގެ ސަރަހައްދު ދިވެހި ރައްޔިތުންނަށް އަނބުރާ ހޯދައިދިނުމަށް ކުރާ މަސައްކަތަށް ދޫ ދިނުމެއް ނެތްކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. ދިވެހި ސަރުކާރުގެ ފަރާތުން އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ފޮނުވައި ޗާގޮސްގެ ހަގީގީ މިލްކުވެރިންނަކީ ދިވެހިންކަން ބަޔާންކޮށް ސިޓީ ފޮނުވި ނަމަވެސް އިނގިރޭސިވިލާތާއި މޮރިޝަސް ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ޗާގޯސްގެ ރަށްތަކުގެ މިލްކުވެރިކަން ވަނީ މޮރިޝަސްއާ ހަވާލުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: