ދިވެހިންނަކީ ބޮޑު އެއާޕޯޓެއް އަޅައި، އެތަން ހިންގުމުގެ ގާބިލުކަން ހުރި ބައެއްކަމަށް އިދިކޮޅު އެމްޑީޕީ ގަބޫލު ނުކުރާކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޖުލައި 26 ގައި އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، އާންމުންނާއި ސިޔާސީ އެކި ބޭފުޅުންގެ މެދުގައި އޮތް އެންމެ ބޮޑު ބަހުސަކީ މަސައްކަތުގެ ހައްގު ތައުރީފް ލިބެން ޖެހެނީ ކޮން ސަރުކާރަކަށް ތޯ އެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިިކަމުގެ އެއާޕޯޓުގެ އެއް ބިލިއަން ޑޮލަރުގެ މެގަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެއް ޕްރޮޖެކްޓު ނަމަވެސް ވެރިކަން ނިމިގެން ދިޔައިރު ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ނުވެ އެވެ. އަދި ޓާމިނަލްގެ އިތުރު މަސައްކަތްތައް ކުރިޔަށް ގެންދިޔައީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި، ވެރިކަމަށް އައުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެއާޕޯޓު މަޝްރޫގެ ދަށުން މަގުތައް ހެދުމާއި، އެއާއި އެކު ކުރިޔަށް ގެންދަން ޖެހޭ ގިނަ މަސައްކަތްތައް ދޮޅު އަހަރުގެ ތެރޭގައި ކުރިޔަށް ގެންގޮސްފައި ވަނީ މި ސަރުކާރުންނެވެ.
މަސައްކަތުގެ އަސްލު ކްރެޑިޓް ލިބެން ޖެހޭނެ ސަރުކާރަކާއި ގުޅޭގޮތުން ދެކެވޭ ވާހަކައަށް މިރޭ ޕީއެންސީ ހަރުގޭގައި އޮތް ޖަލްސާއަށް މަތީން ވަނީ ރައްދު ދެއްވާފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ވެސް ޓާމިނަލްގެ މަސައްކަތް ނިމިފައިވާކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވަމުން ގެންދަވާތީ އެކަމަށް ރައްދު ދެއްވި އެވެ.
މަތީން ވިދަޅުވީ އެމްޑީޕީއަށް ވެރިކަމުގައި ބޮޑެތި ތަރައްގީތައް ގެނެވުނުކަމަށް އަމިއްލައިން ގަބޫލު ކުރެވުނު ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. އަދި އެއާޕޯޓު ހިންގަންވީ ގޮތާއި، މަޝްރޫއުގެ ބައިތައް ކުރިޔަށް ގެންދަންވީ ގޮތުގެ އެއްވެސް މަގެއް އެމްޑީޕިއަށް އޮތީ ނޭނގިކަމަށް މަތީން ވިދާޅުވި އެވެ. މަތީން ވިދާޅުވި ގޮތުގައި ވެރިކަމާއި ހަވާލުވި އިރު، އޮތް އައު ރަންވޭގެ ބޭނުން ހިފައި ގައުމުގެ އިގްތިސާދު ފުޅާ ކުރާނެ ގޮތެއް އެމްޑީޕީއަށް ނޭނގުނެވެ.
ކުރީގެ ރަންވޭ ބޭނުންކޮށްގެން، ބޭރުގެ ބަޔަކަށް އެއާޕޯޓުގެ ހިންގުން ދޫކުރުމަށް އެމްޑީޕީ މަސަައްކަތް ކުރިކަމަށް ތުހުމަތު ކުރައްވައި މަތީން ވިދަޅުވީ އެ ޕާޓީން ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެން ދާނެކަމަށް ދިން ނަމްބަރުތައް އެއީ ހިޔާލީ އަދަދުތަކެއް ކަމަށެވެ. އަދި ވިދާޅުވީ ޓާމިނަލްއެއް އެޅުމަކުން ނުނިމޭކަމަށާއި، އޭގެ ވަށައިގެން ތަންފީޒު ކުރަން އެހެނިހެން ހިދުމަތްތައް ވެސް ހުންނާނެ ކަމަށެވެ.
މީގެއިތުރުން މަތީން ވިދާޅުވީ، ޓާމިނަލް ހުޅުވުމާއި އެކު ފަތުރުވެރިކަމުގެ ދާއިރާއަށް އަންނާނެ ކުރިއެރުންތައް މި ސަރުކާރަށް އެނގޭ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، އާމްދަނީ ލިބޭނެ މަގުފަހި ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތުކަމަށް މަތީން ވިދާޅުވި އެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް ވިސްނުމެއް އެމްޑީޕީގެ ހުރޭތޯއާއި، އެއާޕޯޓެއްގެ ބޭނުން ހިފަން ޖެހޭ ގޮތަކީ ކޮބައިކަން އެނގިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު ކުރީ ސަރުކާރުގައި ހުރިތޯ މަތީން ސުވާލު އުފެއްދެވި އެވެ.
މި ލީޑަޝިޕްގެ މި ޕާޓީގެ.. އަޅުގަނޑުމެންގެ ވެރިކަމުގެ ވިސްނުމެކޭ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުން އެއީ.. ފަތުރުވެރިން އިތުރަށް ގެނައުން.. އެއީ އިގްތިސާދު ފުޅާކުރަން.. އެއީ އެ ބޭފުޅުންގެ އިގްތިސާދު ވިސްނުމަކީ ވަރަށް ހަނި ވިސްނުމެކޭ.. އެ ބޭފުޅުންގެ ވިސްނުންފުޅުގައި ބަލާކަމުގައި ވަންޏާ އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިންނަކީ ކަމެއް ވާ ބައެއް ނޫން.. ދިވެހިންނަކަށް ކުޑަމިނުން އެއަޕޯޓެއް ވެސް ނުހިންގޭ.. ބޭރު ބަޔަކު ގެންނަން ޖެހޭނީ އެއަޕޯޓް އަޅަން ވެސް.. އެއަޕޯޓް ހިންގަން ވެސް
މަތީން ވިދާޅުވީ އެމްޑީޕީ ދިވެހިންނާއި މެދު އަބަދުވެސް ގެންގުޅެމުން އައިސްފައި ވަނީ ވަރަށް ގޯސް ހަނި ވިސްނުމެއް ކަމަށެވެ. އަދި މި ސަރުކާރާއި އެ ޕާޓީގެ ތަފާތަކީ ވެސް އެއީކަމަށް މަތީން ވިދާޅުވި އެވެ. މަތީން ވިދާޅުވީ ދިވެހިންގެ އެއާޕޯޓެއް ތަރައްގީކޮށް، ހިންގުމުގެ ވިސްނުމާއި އެކު އެކަން ތަންފީޒު ކުރައްވަނީ ރައީސް މުއިއްޒު ކަމަށެވެ.
މަތީން ވިދާޅުވީ އެމްޑީޕީ ގަބޫލު ކުރާ ގޮތުގައި ދިވެހިންގެ ކިބައިގައި އެއާޕޯޓުތައް އަމިއްލަ ގާބިލުކަމުގެ މައްޗަށް އަޅައި، ތަން ހިންގޭނެހާ ހިތްވަރެއް ނެތެވެ. އަދި އެފަދަ ބޮޑެތި މަސައްކަތްތައް ދޫކޮށްލަން ޖެހޭނީ ބޭރުގެ ބައެއްގެ އަތްމައްޗަށްކަމަށް އެމްޑީޕީ ދެކޭކަމަށް މަތީން ވިދާޅުވި އެވެ.

