އަސްކޮއި ގްރޫޕުން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށް ފަހު، ފުރަން ގާތްވެފައި ވަނިކޮށް ސަލާމަތީ ސަބަބުތަކަށްޓަކައި ދަތުރު ކުރެވެން ނެތްކަމަށް އެންގި މައްސަލަ ބަލަމުންދާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މީގެ ކުރިންވެސް އަސްކޮއި ގްރޫޕާ ގުޅޭގޮތުން މިފަދަ މައްސަލައެއް ފެންމަތިވެފައިވެއެވެ. އަދި އެ ގްރޫޕާމެދުގައި ފިޔަވަޅުވެސް އަޅާފައިވެއެވެ.
މިފަހަރުވެސް ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އަދި މިމަހުގެ 24 ގައި ދުވަހު ފުރަން ބައެއް މީހުންނަށް އެންގުމަށްފަހު ފުރުމަށް ހަފްތާއަކަށްވެފައިވަނިކޮށް ނުފުރޭނެކަން ފައިސާދެއްކި ފަރާތްތަކަށް އެ ކުންފުނިން ވަނީ އަންގާފައެވެ.
މި މައްސަލައިގަައި މިނިސްޓަރ ވިދާޅުވީ، އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކާމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް، މި މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާއެއްގޮތައް ފިޔަވަޅު އަޅާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވެސް މިފަދަ މައްސަލައެއްގަައި އަސްކޮއި ގުރޫޕު ޖުރިމަނާ ކުރިއެވެ. އެއީ ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކާއިމި މިނިސްޓްރީ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާއި ޚިލާފުވެފައިވާތީ އުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލުގެ 23 ވަނަ މާއްދާގެ ދަށުންނެވެ.
އެފަހަރު އެ މައްސަލަ ފެންމަތިވުމާ ގުޅިގެން އަސްކޮއި 130,000 ރުފިޔާއިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެންގި އެވެ. އަދި ރޯދަ މަހުގެ އުމްރާއަށް ގެންދިއުމަށް ކުރިއާލައި ފައިސާ ދެއްކި ނުވަ މީހުންނަށް ރިފަންޑު ދިނުމަށް ވެސް އެފަހަރު ވަނީ ކުންފުންޏަށް އަންގާފައެވެ.
ޢުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލު ހަރުދަނާކޮށް، އެ އުސޫލާއި ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަން މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ހާމަކޮށްފައެވެ.

