އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް މެދުވެރިކޮށް ދިވެހިންގެ ފިކުރީ މުދާ ހިމާޔަތްކޮށް ދާއިރާ ތަރައްގީ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލާއި ގުޅޭގޮތުން މައުލޫމާތު ދެއްވައި އެކްސްގައި އާންމުކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ސައީދުވަނީ މި މަސައްކަތްތައް މެދުވެރިކޮށް ލިބިގެންދާނެ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ.
މިނިސްޓަރ ވިދާޅުވީ، އެ ބިލަކީ ރާއްޖޭގައި ފިކުރީ މުދަލުގެ ހައްގުތައް ރައްކައުތެރިކުރުމަށްޓަކައި ހުށައެޅިފައިވާ ބިލެއްކަމަށެވެ. އަދި އެ އޮފީސް ގާއިމުކުރެވުމާއިއެކު ރާއްޖޭގައި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށާއި އުފެއްދުންތެރިކަމާއި ފަންނުވެރިކަން ކުރިއެރުވުމަށް މަގު ކޮށިގެންދާނެކަމަށެވެ. އެ ބިލުގެ ސަބަބުން ފިކުރީ މުދާ ހިމާޔަތްކޮށް އެ ދާއިރާ ތަރައްގީ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ހިއްސާކުރެއްވިއެވެ.
ގާނޫނުގައި ހިމެނޭ މުހިންމު ކަންކމަުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިނގާ ގޮތަށް އިންޓަލެކްޗުއަލް ޕްރޮޮޕަޓީ އޮފީސް ގާއިމުކުރުމުގެ އިތުރުން އެފަދަ މުދަލުގެ ހައްގުވެރިކަން ރެޖިސްޓްރީކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ.
އެ އޮފީސް މެދުވެރިކޮށް ކުރެވިގެންދާނެ މަސައްކަތްތަކުގެ ތެރޭގައި ފިކުރީ މުދަލުގެ މައުލޫމާތު އެއްކޮށް ބެލެހެއްޓުމާއި އާންމުކޮށް ފެންނަ ގޮތަށް ގެންގުޅުން ހިމެނޭއިރު ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުންވެސް ހިމެނޭނެކަމަށް ވިދާޅުވިއެވެ.
އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް މެދުވެރިކޮށް އެ ދާއިރާއާއި ގުޅޭ ދިރާސާތައް ކުރިއަށް ގެންދިއުމުގެ އިތުރުން ރެޖިސްޓްރީ ކުރުމުގެ ފީ ނެގުމުގެ މަސައްކަތްތައްވެސް އިންތިޒާމުވެގެންދިއުން ހިމެނޭނެއިރު ތަނުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރެޖިސްޓްރާރކަމަށާއި އެއީ 5 އަހަރުގެ މުއްދަތަކަށް މިނިސްޓަރު އައްޔަނުކުރާ މީހެއްކަމަށް މައުލޫމާތު ދެއްވިއެވެ.

