އަސްކޮއި ހައްޖު އެންޑް އުމްރާ ގުރޫޕުގެ މައްސަލައިގައި ފުލުހުންގެ މުއައްސަސާއިން މިހާރު ވަނީ ތަހުގީގު މަސައްކަތް ފަށައިފިއެވެ. މި މައްސަލައަކީ އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު، ސަލާމަތީ ސަބަބުތަކަށްޓަކައި ދަތުރު ނުކުރެވޭނެ ކަމަށް ބުނެ އިންތިޒާމުތައް ހަމަޖައްސައި ނުދިނުމުގެ މައްސަލައެކެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ މި މައްސަލަ އެ މިނިސްޓްރީން ބަލަމުންދާ ކަމަށެވެ. އަދި މިހާރު ފުލުހުންގެ މުއައްސަސާއިން ވެސް ވަނީ މި މައްސަލައާ ގުޅިގެން މަސައްކަތްތައް ފަށާފައިވާކަން އާންމުކޮށްފައެވެ.
ފުލުހުންގެ މުއައްސަސާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރުމަށްފަހު މިހާރު ވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މި މައްސަލައިގެ ތަހުގީގު ފަށާފައެވެ.
މި މައްސަލައާ ގުޅިގެން ޝަކުވާއެއް އޮތް ފަރާތްތަކުން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅުއްވައިގެން ނުވަތަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވެ މައްސަލަ ހުށަހެޅުމަށް ފުލުހުން އެދިފައިވެއެވެ.
އަސްކޮއި ހައްޖު އެންޑް އުމްރާ ގުރޫޕުގެ މި މައްސަލައަކީ ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައަކަށް ވެފައިވާއިރު، މި މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރެވެއެވެ.

