ރާއްޖޭގެ ޒުވާން ޖީލުތަކުގެ މެދުގައި އުފެއްދުންތެރިކަމަށް ޝައުގުވެރިކަން އޮތްކަމަށްވުމުން ރައްކައުތެރި މާހައުލެއް ގާއިމުވެގެންދާގޮތަށް ޓްރޭޑްމާކް ގާނޫނެއް ވުޖޫދުވެގެންދިއުން މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ޓްރޭޑް މާކާއި ގުޅޭ ބިލު ހުށައަޅުއްވައި މައުލޫމާތު ދެއްވަމުން މެމްބަރު ޒާހިރު ވިދާޅުވީ، މަޑު ދުވެއްޔެއްގައި ނަމަވެސް ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވަމުންދާއިރު ގާނޫނީގޮތުން އެކަމަށް ކިހާވަރެއްގެ ހިމާޔަތެއް ނުވަތަ ރައްކައުތެރިކަމެއް ލިބިގެންވާކަމާއިމެދު ސުވާލު އުފެދޭކަމަށެވެ.
މެމްބަރު ވިދާޅުވީ، ރާއްޖޭގައި އުފެއްދުންތެރިކަމަށް މިނިވަން މާހައުލެއް ގާއިމުވެ ރައްކައުތެރިކަން ލިބިގެންދާނީ މައިގަނޑު ތިން ދާއިރާއެއްގެ ތެރެއިންކަމަށެވެ. އެއީ ޕޭޓަންޓާއި ޓްރޭޑްމާކާއި ކޮޕީރައިޓްސްގެ ތެރެއިންކަމަށް ހިއްސާކުރިއެވެ.
ޓްރޭޑްމާކުގެ ތެރެއިން ރައްކައުތެރިކަން ލިބިގެންދަނީ އެ ކުންފުންޏެއްގެ ބްރޭންޑުގެެ ނަމަށާއި ސްލޯގަން އަދި ސިމްބަލްއަށްކަމަށް މައުލޫމާތު ދެއްވިއެވެ. އަދި ތަރައްގީވެފައިވާ ގައުމުތަކުގައި މި ތިން އިންޓެލެކްޗުއަލް ޕްރޮޕަޓީއަށްވެސް ގާނޫނުތައް ހެދިފައިވާކަމަށް ވިދާޅުވިއެވެ.
ޒާހިރު ވިދާޅުވީ، ރާއްޖޭގައި މިއަދު ޒުވާނުންގެ ތެރޭގައި އުފެއްދުންތެރިކަމަށް ޝައުގުވެރިކަން އޮތްކަމަށެވެ. އެހެންކަމުން މިފަދަ ބިލުތަކެއް ތައާރަފްވެގެން ދިއުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށާއި މަޖިލީހަށް ހުށައެޅިފައިވާ ޓްރޭޑްމާކު ބިލުގެ ސަބަބުން ދިވެހިންގެ އުފެއްދުންތެރިކަމަށާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުވެ ގާނޫނީ އިމުގެ ތެރެއިން ޓްރޭޑްމާކް ރަޖިސްޓްރީކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.
މި ދާއިރާއިން ގާނޫނާއި ހިލާފުވުމުން އެފަރާތްތަކާއިމެދު އެޅޭނެ ފިޔަވަޅުތައްވެސް ބިލުގައި ބަޔާންކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކެއް ނޫނީ ބޭރުގައި ރެޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކެއް ނަމަވެސް އަސްލު ވެރިފަރާތުގެ ހުއްދައަކާއި ނުލައި އެފަދަ ލޯގޯއެއް ނުވަތަ ސިމްބަލްއެއް ރާއްޖޭގައި ބޭނުންކުރެވެމުންދާކަމަށް ގަބޫލުކުރެވޭނަމަ އެކަން ހުއްޓުވުމަށް މި ގާނޫނުގެ ދަށުން ކޯޓަށް މައްސަލަ ހުށައެޅިދާނެކަމަށް ހިއްސާކުރެއްވިއެވެ.
ހިނގަމުންދާ ކަމެއް ވަގުތުން ވަގުތަށް ހުއްޓުވުމަށްޓަކައި ކޯޓު މެދުވެރިކޮށް ވަގުތީ އަމުރެއް ނެރުމުގެ އިހުތިޔާރުވެސް ކޯޓަށް ލިބިގެންދާނެކަމަށާއި މައްސަލައިގެ ބޮޑު ކުޑަ މިނަށް ބަލައި އެއް ލައްކަ ރުފިޔާ އަދި ދެ މިލިއަން ރުފިޔާ ދެމެދު އަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރާއި ބާރުވެސް ލިބިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، މިވަގުތަކީ ރާއްޖެއަށް މި ބިލު ވަރަށް މުހިންމުވާނެ ވަގުތެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށާއި މިފަދަ ބިލެއް ތައާރަފްވެގެން ދިއުމުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިންނަށްވެސް ހިތްވަރުތަކެއް ލިބިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

