އަނިޔާވެރި ގޮތަކަށް އއ މާޅޮސް އޯކިޑުމާގޭ އަބްދުއްރަޙުމާން އާދަމް (65އ) މަރާލާފައިވާ މައްސަލައިގެ އޭނާގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކުރަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.
އަބްދުއްރަޙްމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން، އޭނާގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.
މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިހާރު ވަނީ އޭނާގެ އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައެވެ. ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި، ތަޙްޤީގަށް ބޭނުންވާ ހެކި ހޯދުމަށްކަމަށް ފުލުހުން ބުންޏެވެ. ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނައީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާގެ ތްރިވަރަންްތަޕުރަމްއަށް ފޮނުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަބްދުއްރަޙުމާން މަރާލާފައިވާ މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެ ރަށަށް އަރާ ފައިބާ މީހުން ފުލުހުން ދަނީ މޮނިޓަރ ކުރަމުންނެވެ.
އަބްދުއްރަޙުމާން ގޭގައި ނިދާފައި އޮއްވައި ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށީ މިދިޔަ އާދީއްތަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އަދި އޭނާއަށް ފަރުވާދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މައްސަލައިގެ ތަހުގީގަށް މާލެއިން ޓީމެއް މިހާރު ވަނީ ގޮސް އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ކުޑަ އާބަދީއެއް އޮތް އެ ރަށުގައި މިހާ އަނިޔާވެރި ގޮތަކަށް މީހަކު މަރާލާފައިވާއިރު އަދިވެސް ގާތިލު ނުހޯދޭތީ ރަށުގެ ރައްޔިތުން ތިބީ ބޮޑު ކަންބޮޑުވުމެެއްގައެވެ.

