ލޯނުތަކެއް ދައްކަން ނުޖެހޭނަމަ ސަރުކާރުން ތައާރަފްކޮށްފައިވާ ބޭރު ފައިސާގެ ސިޔާސަތުތައް މެދުވެރިކޮށް އާންމުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށް ދެކިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރާއްޖޭގެ މާލީ އިގްތިސާދީ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު އަޒާން ވިދާޅުވީ، ރާއްޖޭގެ ދަރަނީގެ ހާލަތަށް ބަލާއިރު ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރު ލޯނު އަނބުރާ ދެއްކުމަށްޓަކައި ހޭދަކުރަންޖެހޭކަން ފެނިގެންދާކަމަށެވެ. އަދި ސަރުކާރުންދަނީ އެ ލޯނުތައް ދެއްކޭނެކަމުގެ ޔަގީންކަން ދެމުންކަމަށާއި އެންމެ ބޮޑު އަދަދެއްގެ ގޮތުގައި ދައްކަންޖެހެނީ ސުކޫކުގެ ޕޭމަންޓުކަމަށްވާ އެއް ފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުކަމަށް ފާހަގަކުރެއްވިއެވެ.
އަޒާން ވިދާޅުވީ، ލޯނުތައް ދެއްކޭނެކަމުގެ ޔަގީންކަން ސަރުކާރުން ދިން ނަމަވެސް މިހާތަނަށް ސަރުކާރުން އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ސީދާ އާންމުކޮށްފައިނުވާކަމަށެވެ. ނަމަވެސް ބައެއް ސަރުކާރުގެ އޮފިޝަލުންވަނީ އެ ލޯނު ރީފައިނޭންސް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމުގެ އިޝާރާތްތަކެއް ކުރައްވާފައިކަމަށާއި ތަފްސީލުތަކެއް ލިބިފައިނުވާނަމަވެސް އެ ލޯނުތައް ދެއްކޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.
މެމްބަރު ވިދާޅުވީ، އިގްތިސާދީ ކަންކަމަށް ބަލާއިރު މި ދުވަސްވަރު އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކައަކީ ޑޮލަރުގެ ތާށިކަމުގެ ވާހަކަ ކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ތާރީހުގައިވެސް ދަށްނުވާ މިންވަރަކަށް ދިވެހި ރުފިޔާގެ އަގު ދަށްވެފައިވާކަމަށާއި ޑޮލަރުގެ އަގު ހަމަ މަގަކަށް އެޅުވުމުގެ ގޮތުން ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ބައެއް އިސްލާހުތައް ގެނެސްފައިވާއިރު ނެރެވިފައިވަނީ ގަސްތުކުރި ނަތީޖާ ނޫންކަމަށް ދެކިވަޑައިގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.
އަޒާން ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ދިވެހި ބެންކުތަކަށް މާރު ކުރަންޖެހޭއިރު ބެންކުތަކަށް ލިބޭ ޑޮލަރުގެ 90 އިންސައްތަ އެމްއެމްއޭއަށް ދޭންޖެހޭކަމަށެވެ. އެހެންކަމުން އެ ފައިސާ ދެވެނީ ސަރުކާރަށްކަމަށާއި އެއީ ލޯނުތައް އަދާކުރުން ފަދަ ސަރުކާރުގެ ބޭނުންތަކަށް ކަމަށް މައުލޫމާތު ދެއްވިއެވެ.
މެމްބަރު ވިދާޅުވީ، އެހެންކަމުން މީގެ ކުރިން މާކެޓުގައި އާންމުންނަށް މީގެ ކުރިން ލިބެން ހުރި ޑޮލަރު ސަރުކާރަށް ލިބޭ ގޮތްވެފައިވާކަމަށާއި އެކަމާއި ގުޅިގެން ވިޔަފާރިތަކާއި އާންމުންނަށް ޑޮލަރު ލިބުމުގައި ދަތިކަމެއް އައިސްފައިވާކަމަށެވެ. ނަމަވެސް މިކަމުގެ ދެކޮޅަށް ބަލާއިރު މިދަނޑިވަޅުގައި ކޮންމެވެސް ފިޔަވަޅެއް މެދުވެރިކޮށް ސަރުކާރުން ޑޮލަރު ހޯދައިގެން ލޯނުތައް ދައްކަންޖެހޭ ކަމަކީވެސް ފެންނަން އޮތް ހަގީގަތެއްކަމަށާއި އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ލިބޭނެ ގޮތެއް ހޯދެންވެސް ޖެހޭކަމަށެވެ.
ނަމަވެސް އަދި އެކަމަށް ހައްލެއް ލިބިފައިނުވާއިރު ލޯނުތައް ދެއްކުމަށްޓަކައި ބޭނުންވާ ބޭރު ފައިސާ އެމްއެމްއޭއިން ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް ފަހިވެފައިވާކަމަށާއި ލޯނުތަކެއް ދައްކަން ނުޖެހޭނަމަ ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

