ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދުގެ އެންމެ ވަރުގަދަ ދެ ދާއިރާއަކީ މަސްވެރިކަމާއި ފަތުރުވެރިކަން: ރައީސް

ބިޒްނަސް ފޯރަމްގައި ރައީސް ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދުގެ އެންމެ ވަރުގަދަ ދެ ދާއިރާއަކީ މަސްވެރިކަމާއި ފަތުރުވެރިކަން ކަމަށާއި ދެ ދާއިރާގައިވެސް އިނގިރޭސިވިލާތުގެ ބޮޑު ބައިވެރިވުމެއް އޮތްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވޭތުވެދިޔަ 60 އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެގެން އައިސްފައިވާކަމަށެވެ. އެކަމުގެ ސަބަބުތަކުގެ ތެރޭގައި ދެ ގައުމުންވެސް ބަލައިގަންނަ އަސާސްތައް ހުރުމުގެ އިތުރުން އަނެކާއަށް ކުރާ އިހުތިރާމް އަދި ރައްޔިތުންގެ ދެމެދު އޮތް ގުޅުން ހިމެނޭކަމަށާއި އިގްތިސާދީ މުއާމަލާތްތައް ހިމެނޭއިރު ދެ ގައުމުގެ ދެމެދު ވިޔަފާރި ފުޅާވެފައިވާކަމަށް ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ވިޔާރީގެ އެންމެ ވަރުގަދަ ދެ ދާއިރާއަކީ ފަތުރުވެރިކަމާއި މަސްވެރިކަންކަމަށްވާއިރު މި ދެ ދާއިރާގައިވެސް އިނގިރޭސިވިލާތުގެ ބޮޑު ބައިވެރިވުމެއް އޮތްކަމަށެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާ ބައްޓަންކުރުމުގައި ބޮޑެތި އެހީތަކެއް ވެފައިވާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައްވެސް މިއަދު އިނގިރޭސިވިލާތުގެ ފިހާރަތަކުންނާއި ގޭތަކުން ފެންނަމުންދާކަމަށާއި އަހަރެއްގެ މައްޗަށް ކުރާ އެކްސްޕޯޓު 20 މިލިއަން ޑޮލަރަށްވުރެ އިތުރުކަމަށެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނުވަނީ ތަރައްގީ ގެންނަމުންދާ އަދި ގެނައުމަށް ކަނޑައެޅިފައިވާ އެކި ދާއިރާތަކާއި ގުޅޭގޮތުން ތަފްސީލީ މައުލޫމާތު ދެއްވާފައެވެ. މިގޮތުން ކްރިއޭޓިވް ދާއިރާއަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ޑިޖިޓަލް ކޮންޓެންޓް އުފެއްދުމާއި ޑިޒައިން އަދި މީޑިއާގެ އިތުރުން ގޭމިންގާއި އާޓުވެސް ހިމެނޭގޮތަށް އެ ދާއިރާއަކީ ގައުމު ކުރިއެރުވުމަށް މުހިންމު ސިނާއަތެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށާެވެ. އެހެންކަމުން 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖީޑިޕީގެ 15 އިންސައްތަ ހިއްސާވާނެ ގޮތަށް ބިނާކުރުމަށް އަމާޒު ހިފާފައިވާކަމަށް މައުލޫމާތު ދެއްވިއެވެ. އެމަނިކުފާނުވަނީ އިނގިރޭސިވިލާތުގެ މި ދާއިރާގެ ފަންނުވެރިން ދިވެހިރާއްޖެއާއި ގުޅިގެން މަސައްކަތްތައް ކުރުމަށް ފުރުސަތު ހުޅުވިފައިވާކަމަށްވެސް އިޝާރާތްކުރައްވާފައެވެ.

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮރމޭޝަން މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، އެކަން މެދުވެރިކޮށް ސަރުކާރުންދަނީ ހިދުމަތްތައް އެއްކޮށް ޑިޖިޓަލް ކުރުމަށްޓަކައި ފިޔަވަޅުތައް އަޅަމުންކަމަށެވެ. މިކަމުގެ ބޭނުމަކީ އާންމުންނަށް ފަސޭހަކަމާއިއެކު ހިދުމަތްތައް ލިބިގަނެވޭނެ އިންތިޒާމުތައް ހަމަޖެއްސުންކަމަށް ފާހަގަކުރެއްވިއެވެ. އަމާޒަކީ ސަރުކާރު ހިންގުން ހަރުދަނާކޮށް ވިޔަފާރިއާއި އީޖާދީ މަސައްކަތްތަކަށް ފަހި މާހައުލެއް އޮތް ސްމާޓް ސްޓޭޓެއް ބިނާކުރުންކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން ޔޫކޭގެ ޓެކް ފާމްތައް ފަދަ ތަންތަނަށް ދިވެހިރާއްޖެއާއިއެކު މަސައްކަތްތައް ކުރުމަށް ފުރުސަތު ހުޅުވިފައިވާކަން ހާމަކުރެއްވިއެވެ.

2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ ތިންބައިކުޅަ އެއް ބައި އިޔާދަކުރަނި އުސޫލުން އުފެއްދުމަށް އަމާޒު ހިފާފައިވާކަމަށްވެސް އަލިއެޅުއްވިއިރު އެ ލަނޑުދަނޑި ހާސިލުކުރުމުގެ ގޮތުން ފްލޯޓިންގް ސޯލާރ މަޝްރޫޢުއެއްގެ މަސައްކަތްތައް ކުރިއަށްދާކަންވެސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މަސްވެރިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެ ދާއިރާއަކީ ރާއްޖޭގެ އިގްތިސާދުގެ އެއް ތަނބުކަމަށެވެ. އެހެންކަމުން ސަރުކާރުންދަނީ އައު ގޮތްތައް ހިޔާރުކޮށް އިތުރަށް ފުޅާކުރުމަށްޓަކައި މަސައްކަތްކުރަމުންކަމަށާއި މީގެ ތެރޭގައި މެރިކަލްޗާ އަދި ދެމެހެއްޓިނި ގޮތެއްގެ މަތިން އަކުއަކަލްޗާރވެސް ހިމެނޭކަމަށެވެ. ރާއްޖެއިންދަނީ މަސް ޕްރޮސެސްކުރުންވެސް އިތުރުކުރުމަށްޓަކައި އިންވެސްޓުކުރަމުންކަމަށް މައުލޫމާތު ދެއްވިއިރު ފަސް ސަރަހައްދެއްގައި މެރިކަލްޗާ ސައިޓުތައް ހުޅުވައި ހަރުދަނާ ގޮތެއްގެ މަތިން އެ މަސައްކަތްތައް ފެށުމަށްވެސް ތައްޔާރުވަމުންދާކަމަށް މައުލޫމާތު ދެއްވިއެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ ތެރެއިން އެންމެ މުހިންމު އެއް ދާއިރާކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ސަރުކާރުންދަނީ އެ ދާއިރާ އިތުރަށް ފުޅާކޮށް ލަގްޝަރީގެ އިތުރުން ވެލްނެސް ކުޅިވަރު އަދި ހަލާލް ޓުއަރިޒަމްވެސް ގެނައުމަށްޓަކައި މަސައްކަތްކުރަމުންކަމަށެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމާއިއެކު ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެކަމަށާއި އައު ޓާމިނަލް މެދުވެރިކޮށް ކާގޯ ހެންޑްލިން ފަދަ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: