ރާއްޖޭގައި އިންވެސްޓުކުރުމަށް ހުރި ފުރުސަތުތައް، އިންވެސްޓަރުންނަށް ހާމަކޮށްދިނުމަށް ކެނޑުނޭޅި މަސައްކަތްކޮށް އިޝްތިހާރުު ކުރަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އިންވެސްޓްމެންޓް ފޯރަމެއް ވަނީ ބާއްވާފައެވެ. މި ފޯރަމްގައި ރައީސް މުއިއްޒު ރާއްޖޭގެ ފިޝަރީޒް ބްރޭންޑް، ”ފްރޮމް މޯލްޑިވްސް“ ލޯންޗްކޮށްދެއްވައި، ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާފައިވެއެވެ.
މި ފޯރަމްގައި ރައީސް ތަގުރީރުކުރެއްވުމުގެ އިތުރުން، އިނގިރޭސިވިލާތަށް ނިސްބަތްވާ އަދި އެ ގައުމުގައި ހަރަކާތްތެރިވާ 200 އަށްވުރެ ގިނަ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވިއެވެ. މި ފޯރަމްގައި ސަރުކާރުގެ އިގްތިސާދީ ދާއިރާއިން ހިދުމަތް ފޯރުކޮށްދޭ ބައެއް ވުޒާރާތަކާއި، ގުޅުންހުރި ބައެއް އޭޖެންސީތައްވެސް ބައިވެރިވިއެވެ.
ވަޒީރު ވިދާޅުވީ މި ބިޒްނަސް ފޯރަމްގައި މުހިންމު ވުޒާރާތަކާއި އިދާރާތަކުން ބައިވެރިވެ، ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރަމްގެ ބައިވެރިންނާއި ހިއްސާކުރެއްވި ކަމަށެވެ. އަދި ވިޔަފާރީގެ ވާދަވެރިކަން ބޮޑުވެފައިވާ ދުނިޔެއެއްގައި ރާއްޖެ އިޝްތިހާރުކުރުމާއި، އިންވެސްޓްމަންޓްގެ ދާއިރާގެ ފުރުސަތުތައް މާކެޓްކުރުމަކީ ކެނޑިނޭޅި ކުރިއަށް ގެންދަންޖެހޭ ކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިފަދަ ބިޒްނަސް ފޯރަމްތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ، ގިނަ ފަރާތްތަކަކަށް ރާއްޖޭގައިހުރި ވިޔަފާރި އާއި އިންވެސްޓްކުރެވިދާނެ ދާއިރާތަކުގެ މައުލޫމާތު، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.

