ބުރަފަތީގައި ޖެހިގެން މަރުވި ސިންގަޕޫރު ކުއްޖާ ޖެނާގެ މަރުގެ ތަހުގީގަށް ބޭނުންވާ ބަޔާންތައް ނެގުމަށް ދިވެހި ފުލުހުން ސިންގަޕޫރަށް ގޮސް، އޭނާއާއެކު ދަތުރުގައި ބައިވެރިވި ދަރިވަރުންނާއި މުދައްރިސެއްގެ ބަޔާން ނަގައިފިއެވެ.
ސެއިންޓް ޖޯސެފްސް އިންސްޓިޓިއުޝަން އިންޓަނޭޝަނަލް (އެސްޖޭއައިއައި) ގެ ދަރިވަރެއް ކަމަށްވާ ޖެނާ މަރުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 8 ވަނަ ދުވަހު އދ. ދިގުރަށް ކައިރީގައި ސްނޯކްލިންގ އަށް ގޮސް އުޅެނިކޮށް ލޯންޗެއްގެ ބުރަފަތީގައި ޖެހިގެންނެވެ. ދިވެހި ފުލުހުންގެ ހިދުމަތުން މިހާރު ވަނީ މި ހާދިސާގެ ތަހުގީގު ނިންމާފައެވެ.
ފުލުހުން ބުނާ ގޮތުގައި މި އަހަރުގެ މެއި މަހު، ފުލުހުންގެ އޮފިސަރުން ވަނީ މިއުޗުއަލް ލީގަލް އެސިސްޓެންސް (އެމް.އެލް.އޭ.) އުސޫލުގެ ދަށުން ސިންގަޕޫރަށް ދަތުރުކޮށް، މި ހާދިސާގައި ބައިވެރިވި ދަރިވަރުންނާއި އެކުއުޅުނު މުދައްރިސެއްގެ ބަޔާން ނަގާފައެވެ. އަދި މި މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި އެހެނިހެން ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް ޖެނާގެ މައިންބަފައިން ބުނާ ގޮތުގައި ދިވެހި ކަމާބެހޭ ފަރާތްތަކުންނާއި ސްކޫލުން މި މައްސަލައިގައި އެކަށީގެންވާ މިންވަރަށް މައުލޫމާތު ފޯރުކޮށްދީފައެއް ނުވެއެވެ. މި ސަބަބާހުރެ އާއިލާއިން ވަނީ ”ޖަސްޓިސް ފޯ ޖެނާ“ ނަމުގައި ވެބްސައިޓެއް ހަދައި، އަމިއްލައަށް ތަހުގީގު ފަށައިފައެވެ.
ސިންގަޕޫރުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އެސްޖޭއައިއައިއިން ސަލާމަތީ ޕްރޮޓޮކޯލްތަކާއި އެއްގޮތަށް އަމަލުކޮށްފައިވާތީ އިތުރު ތަހުގީގެއް ނުކުރާނެ ކަމަށެވެ. އަދި ސިންގަޕޫރުގެ އޮތޯރިޓީތަކަށް ބޭރު ގައުމުތަކުގައި ހިނގާ ހާދިސާތައް ތަހުގީގު ކުރުމުގެ ބާރު ލިބިގެންނުވި ނަމަވެސް، ސިންގަޕޫރު ފުލުހުން ވަނީ ރާއްޖޭގެ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

