މާލެއިން ގެއްލިގެން ހޯދަމުންދާ ހަސަން ޔާމީން، ގ. ގާނެޓް ރާއްޖެއިން ބޭރަށް ފުރާފައި ނުވާކަން ކަމާގުޅޭ އިދާރާތަކުން ކަށަވަރު ކުރެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
އުމުރުން 30 އަހަރުގެ ޔާމީން ގެއްލުނުތާ ހަފްތާއެއްވެފައިވާއިރު، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އަނެއްކާވެސް މިވަނީ އެދިފައެވެ.
ފުލުހުން ބުނިގޮތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭގަނޑު 9:25 އެހައިކަށްހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަ ފަހުން އާއިލާއަށް ހަބަރެއްނުވެ އެވެ. އެގޮތުން އޭނާ ގެއްލުނުކަން އާއިލާއިން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން އޭނާ ގެއްލުނު މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު އެނަލައިޒްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، އޭނާގެ އާއިލާގެ އެދުމުގެ މަތިން އޭނާ ދިރިއުޅޭ އެޕާޓުމަންޓު ބަލާ ފާސްކޮށްފައިވާއިރު، އެޕާޓުމަންޓުން ތުހުމަތުކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ ނިޝާނެއް ފެނިފައިނުވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި އެޕާޓުމަންޓަށް އެއްވެސް ބަދަލެއް އައިސްފައިވާކަމަކަށް ވެސް ނުބެލެވޭކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހަމައެއާއެކު، އޭނާ ރާއްޖެއިން ބޭރަށް ފުރާފައި ނުވާކަން ކަމާގުޅޭ އިދާރާތަކުން ކަށަވަރު ކުރެވިފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ޔާމީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި މައުލޫމާތު ދިނުމަށް ފުލުހުން އެދެ އެވެ.

