ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓުތައް ޙަވާލުކުރަން ފަށަނީ، އެއްބަސްވުމުގައި ސޮއިކުރަން އައުމަށް އަންގާނީ ޕޯޓަލް މެދުވެރިކޮށް!

އެފްޑީސީން އަޅަމުންދާ ފްލެޓުތައް ފޮޓޯ: އެފްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން ޢިމާރާތް ކޮށްފައިވާ 4000 ފްލެޓު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭ މަސައްކަތްތައް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި މިނިސްޓްރީން ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުޞޫލާއި، އަދި މިނިސްޓްރީން 29 މެއި 2025 ގައި ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެހެންކަމުން އެފަރާތްތަކަށް ފްލެޓު ޙަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފްލެޓު ލިބުނު ފަރާތްތަކުގެ މަޢުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފް.ޑީ.ސީ) އާއި ޙިއްސާކުރުމުގެ މަސައްކަތް މިނިސްޓްރީއިން ފަށާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ ފްލެޓްތަކުގެ މަސައްކަތް ނިމި ޙަވާލުކުރުމަށް ތައްޔާރު ކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ. އަދި ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރިއަށް ގެންދާނީ އެފް.ޑީ.ސީ އިން ކަމަށްވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އެއްބަސްވުމުގައި ސޮއިކުރުމަށް އެފް.ޑީ.ސީއަށް ފޮނުވާ ފަރާތްތަކަށް ”ގެދޮރުވެރިން ޕޯޓަލް“ މެދުވެރިކޮށް އެކަން އެންގޭނެކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ. އަދި މިގޮތަށް ޕޯޓަލްއިން ނާންގާ ފަރާތްތަކަށް މި މިނިސްޓްރީއިން ނުވަތަ އެފް.ޑީ.ސީ އިން ނުގުޅާނެކަމާއި، އަދި އެފަދަ ފޯނު ކޯލުތަކާއި އެސް.އެމް.އެސްތަކަށް ހުރިހާ ރައްޔިތުން ސަމާލުވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ކުރިއަށްގެންދާ 4000 ފްލެޓުގެ މަޝްރޫއު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިއުލާނުކޮށްފައި ވަނީ ކުރީ ސަރުކާރުންނެވެ. އަދި މަޝްރޫއުގެ ދަށުުން ފްލެޓު ލިބޭ މީހުންކަމަށް ބުނެ ލިސްޓެއް އިއުލާނު ކުރީ ޓްރާންސިޝަންގެ މުއްދަތުގެ ތެރޭގަ އެވެ. އަދި މި ސަރުކާރުން ވަނީ ލިސްޓުގައި ހުރި މައްސަލަތައް ހައްލުކޮށް، ހައްގުވެރިންނަށް ފްލެޓު ލިބޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މަސައްކަތްތައް ނުހުއްޓި ކުރިޔަށް ދާއިރު، ސަރުކާރުން މީގެ ކުރިން ވެސް އަންދާޒާ ކުރީ އަހަރުގެ މެދެއްހާ ހިސާބުގައި މަޝްރޫއުގެ އެކި ބައިތައް ނިންމާލެވޭނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 32 ޓަވަރެއް ދަނީ އިމާރާތް ކުރަމުންނެވެ. އަދި ފްލެޓުތައް ނިންމުމަށް އިންޑިއާގެ ދެ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު މީގެ ތެރެއިން 16 ޓަވަރުގެ މަސައްކަތް ކުރިއަށްގެން ދަނީ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) ކުންފުނިންނެވެ.

”އަމާން އުދަރެސް“ ނަންދީ އެ ފްލެޓުތައް ކުރިޔަށް ގެންދާއިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯރޕަރޭޝަން (އެންބީސީސީ) އަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ފްލެޓުގެ މަސައްކަތްތައް ކުރިޔަށް ގެންދާ ސަރަހައްދަށް ވަޑައިގެން، މަޝްރޫއު މިހާރު ގޮސްފައިވާ ހިސާބުގެ ކަންކަން ގާތުން ބައްލަވާލައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ފްލެޓުތަކުގެ މަސައްކަތް ނިމޭ ވަރަކުން، ޝަރުތު ހަމަވެ ފްލެޓު ލިބޭ ފަރާތްތަކާއި ތަން ހަވާލު ކުރުމަށް ނިންމަވާފައި ވާތީ އެ އަމާޒަށް މަސައްކަތް ކުރުމަށް އިރުޝާދު ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: