ރާއްޖޭގައި އޮތް ކޮރަޕްޝަންގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި އެކަން ކުރުމަށް ފަހިވެފައިވާ ނިޒާމުތަކަށް ބަދަލު ގެންނަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު އަޒާން ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޓު ތަންތަނުގެ ގޮތުގައި އޮތީ ސަރުކާރަށް ނިސްބަތްވާ ކުންފުނިތައް އެކަނި ނޫންކަމަށާއި ވަކިތަނެއް ނެތްކަމަށެވެ. މެމްބަރު ވިދާޅުވީ، މުޅި މުޖުތަމައުގެ ތެރޭގައި އަށަގަނެފައިވާ މައްސަލައެއް ހުރިހާ ތަނަކުންވެސް ފެނިގެންދާނެކަމަށެވެ.
އަޒާން ވިދާޅުވީ، ނިޒާމު އިސްލާހު ކުރަންޖެހިފައިވާކަމަށާއި އެފަދަ އަމަލުތަކަށް މަގު ހުޅުވިފައިވާ ނިޒާމެއްގެ ތެރޭގައި އެނޫން ގޮތެއްގެ މަތިން ކަންކަން ވެގެންދާތަން ފެނިގެންދާނެކަމަށް ގަބޫލުނުކުރެއްވޭކަމަށެވެ. މިސާލެއްގެ ގޮތުގައި ރާއްޖޭގެ އެންޓިކޮރަޕްޝަން ކޮމިޝަނަށް މީހުން އައްޔަނުކުރުން އެއިރެއްގައި ސިޔާސީ ބާރުވެރިކަން އޮތް ފަރާތެއްގެ އަތްމަތީގައި އޮތުން ފާހަގަކުރެއްވިއިރު އެކަމުގެ ސަބަބުން އެވަގުތެއްގައި ވެރިކަމުގައި ތިބި ބައެއްގެ މައްސަލަ އެ މުއައްސަސާއަށް ނުބެލޭކަމަށް ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، އެއީ ރާއްޖޭގައި ކަންކަން ހިނގަމުން އަންނަ ގޮތްކަމަށްވުމުން އެ އުސޫލުގެ މަތިން ދުވަހަކުވެސް އޭސީސީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮންނަތަން ފެނިގެން ނުދާނެކަމަށެވެ. ހަމަ މިގޮތުން ރާއްޖޭގެ ޕްރޮސެކިއުޓާރ ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅަކުވެސް މިނިވަން ހައިސިއްޔަތެއްގައި ނުހުންނަވާނެކަމަށާއި ފުލުހުންގެ މުއައްސަސާވެސް އޮތީ އެ ހާލަތުގައިކަމަށެވެ. އެތަންތަނަކީ އެފަދަ މައްސަލަތައް ބެލުމަށް ވުޖޫދުކުރެވިފައިވާ ތަންތަންކަމަށްވުމުން އެކަށީގެންވާ މިނިވަންކަން ނުލިބޭ ހިނދު ދުވަހަކުވެސް ކޮރަޕްޝަންގެ މައްސަލައަށް ހައްލެއް އަންނަތަން ފެނިގެން ނުދާނެކަމަށެވެ.
އަޒާން ވިދާޅުވީ، ކޮރަޕްޝަންގެ ތެރެއިން މަންފާތައް ހާސިލުކުރަމުންދާ އެތައް ބަޔަކު އެބަތިބިކަމަށާއި ކޮންމެ ސަރުކާރެއް އޮތްނަމަވެސް ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެކި މުއައްސަސާތަކުގައި ކޮރަޕްޓު ނިޒާމެއްގެ ތެރެއިން މަންފާތައް ހާސިލުކުރަމުންދާ މީހުން ތިބިކަމަށެވެ. އެހެންކަމުން އެފަރާތްތައް މަގާމުތަކުގައި ތިބިހާ ދުވަހަކު ކޮރަޕްޝަންގެ މައްސަލައަށް ހައްލެއް ނުލިބޭނެކަމަށާއި ހައްލެއް ގެނައުމަށް އެދޭނަމަ ނިޒާމު އިސްލާހުކުރަންޖެހޭކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލައަކީ ކުންފުނީގެ އެމްޑީކަމުގައި ހުންނަވާ މީހަކު ނޫނީ ކުންފުނީގެ ނަން ނޫނީ އޮނިގަނޑަށް ބަދަލެއް ގެނެސްގެން ހުއްޓުވޭނެ ކަމެއް ނޫންކަމަށެވެ.

