ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެކު ސެލްފް ސާވިސް ކިއުސްތަކާއި، އޮޓޮމޭޓެޑް ސިސްޓަމް ހިމެނޭނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އެއާޕޯޓުގެ އައު ޓާމިނަލް ޖުލައި 26 ގައި ހުޅުވުމަށް ތައްޔާރުވެ، މިހާރު ކުރިޔަށް ދަނީ އެންމެ ފަހުގެ ތައްޔާރީތަކެވެ. އަދި ޓާމިނަލް ހުޅުވުން ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޝަރީފް ވިދާޅުވީ ވީއައިއޭ ބޭނުން ކުރާ މީހުންގެ ނިސްބަތުން ބަލާއިރު 90 އިންސައްތައަކީ ފަތުރުވެރިން ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް އިންގިލާބެއް ގެނެސް، އަދަދުތައް މަތި ކުރުމަށް މަސައްކަތް ކުރާއިރު ހިދުމަތުގެ ފެންވަރު ވެސް ރަނގަޅު ވާން ޖެހޭކަން ޝަރީފް ފާހަގަކުރެއްވި އެވެ. އަދި މިހާރު ބޭނުން ކުރަމުން އަންނަ އިންޓަނޭޝަނަލް ޓާމިނަލްގައި ކޭޓަރ ކުރުމަށް ދިމާވާ ދަތިތަކާއި އެކު އެކަށީގެންވާ ވަރަށް ހިދުމަތް ނުދެވޭކަމަށް ޝަރީފް ވިދާޅުވި އެވެ.
އެހެންކަމުން އައު ޓާމިނަލް ހުޅުވުމާއި އެކު، ހިދުމަތް އަވަސްވެގެން ދާނެކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ޗެކިންވުމުން ފެށިގެން ބޯޓަށް އެރުމާއި ހަމައަށް މީގެ ކުރިން ދިމާވާ ލަސްތަކަށް ހައްލެއް ލިބިގެންދާނެކަމަށް ޝަރީފް ވިދާޅުވި އެވެ.
އާ ޓާމިނަލް ފަރުމާކޮށްފައި ވަނީ ދުނިޔޭގެ ފެންވަރަށްކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ތަނުގައި ހުރީ އެންމެ ޒަމާނީ ވަސީލަތްތައް ކަމަށެވެ. އަދި ފަސިންޖަރުންނަށް ދޭ ހިދުމަތްތައް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތާއި، ފަތުރުވެރިކަމަށް ވެސް މީގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ޝަރީފް ވިދާޅުވި އެވެ.
މީގެއިތުރުން ޝަރީފް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ މުހިންމީ، އިންޓަނޭޝަނަލް އެއާލައިންތައް އިތުރު ކުރުންކަމަށެވެ. އެހެން ނަމަވެސް ބާރު ބޮޑުވާ ވަގުތުތަކުގައި ދިމާވާ ވަގުތުގެ ސަބަބުން ވެސް އެކަމަށް ކޭޓަރ ނުކުރެވޭތީ ދަތިތައް ދިމާވާކަމަށް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވި ގޮތުގައި ވީއައިއޭއަށް މިހާރު އެންމެ ބާރުބޮޑުވަނީ ހެނދުނު 06:00 އާއި މެންދުރު ފަހު 03:00 އާއި ދެމެދު އެވެ. މިއީ އެންމެ ގިނަ އެއާލައިންތައް ވީއައިއޭއަށް ޖައްސާ ވަގުތުކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ މިވަގުތުތަކުގައި ބާރުބޮޑުވެ ކްލިއަރެންސަށް ވެސް ބައެއް ފަހަރު ގިނަ ވަގުތު ނަގާކަމަށެވެ.
ޝަރީފް ވިދާޅުވީ ސެކިއުރިޓީއާއި ސަލާމަތީ ގޮތުން ވެސް އަޅާފައި ވަނީ ވަރުގަދަ ފިޔަވަޅުތައް ކަމަށެވެ. އަދި ޑިއުޓީ ފްރީއާއިމ ކާބޯތަކެތީގެ ހިދުމަތް ވެސް ދުނިޔޭގެ ފެންވަރަށް ގެނެވިފައިވާކަމަށް ވަނީ ވިދާޅުވެފަ އެވެ. މިއީ ފަހުގެ ހުރިހާ ޓެކްނޮލޮޖީއެއް ބޭނުންކޮށް ހިދުމަތް ދޭނެ ޓާމިނަލްއެއްކަމަށް ޝަރީފް ވިދާޅުވި އެވެ. އޭގެ ތެރޭގައި ސެލްފް ސާވިސް ކިއޮސްކްތަކާއި، އޮޓޮމޭޓެޑް ސިސްޓަމް ހިމެނެ އެވެ.
އަޅުގަނޑުމެން މިތާ ތެރޭގައި ހުންނާނެ ވަރަށް ގިނަ ޓެކްނޮލޮޖެއް ބޭނުންކޮށްފަ.. ސެލްފް ސަވިސް ކިއޮސްކް ހުންނާނެ.. އޮޓޯމޭޓެޑް އެތައް ސިސްޓަމެއް ހުންނާނެ.. މިތަން ފިނި ކުރުމުގެ ނިޒާމާއި އައްޔާ ސައުންޑާއި އަދި ފަސިންޖަރުންނަށް ޖެހޭ އެހެން ހުރިހާ ހިދުމަތަކީ އޮޓޮމެޓިކް ސިސްޓަމްސް އެހެންވީމާ ފަސިންޖަރުންގެ ޓަަޗް ޕޮއިންޓް ނުވަތަ ކޮންމެ ކަމަކަށް މަޑުކުރަންޖެހޭ ވަގުތުތައް ފުދޭވަރަކަށް ވަރަށް އެކަށީގެންވާ ވަރަކަށް ކުޑަވާނެ..
ޖުލައި 26 ގައި އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައްވަމުންދާއިރު، މިއީ މި ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޓާމިނަލްއަށް ވެގެންދާނެ އެވެ. އަދި ޒަމާނީ ފަހުގެ ހިދުމަތްތަކާއި އެކު އާ ޓާމިނަލް ބޭނުން ކުރަން ފެށުމުން ރާއްޖެއަށް އަންނަ ބޭރުގެ އެއާލައިންތަކުގެ އަދަދު އިތުރު ކުރެވި، އެއްފަހަރާ ގިނަ ބަޔަކަށް ހިދުމަތް ދެވޭނެކަމަށް އެމްއޭސީއެލް ވަނީ ބުނެފަ އެވެ.
އާ ޓާމިނަލް ބޭނުން ކުރަން ފަށައި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ބައިނަލްއަޤުވާމީ އެއާލައިނެއް ވެސް އެ ޓާމިނަލްއަށް ބަދަލު ކުރެވޭނެކަމަށް އެމްއޭސީއެލް ވަނީ ބުނެފަ އެވެ.

