ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ، ޑޮލަރުގެ އަގު ދުވަހަކު ވެސް ނުދާހާ މައްޗަށް އުފުލިގެން ދިޔައީ ކޮން ސަބަބަކާއި ހުރެކަން މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަނަވަރ އަހުމަދު މުނައްވަރު ސާފުކޮށްދޭން ޖެހޭކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް މިވަގުތު އުފެދިފައި ވަނީ، ޑޮލަރުގެ އަގު 20.20 ރުފިޔާއަށް އުފުލި، ޑޮލަރު ލިބުން ދަތިވުމުންނެވެ. އަދި ޑޮލަރުގެ އަގު ކުރިޔަށް އޮތް ބޮޑު ޗުއްޓީއާއި ދިމާކޮށް އިތުރަށް އުފުލިގެން ދިއުމުގެ ފުރުސަތު އެބައޮތްކަމަށް ގިނަ ބަޔަކު ދެކެއެވެ.
މި މައްސަލައިގައި މައުރޫފް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާކަމަށް ސަރުކާރުން ބުނި ނަމަވެސް، ހަގީގަތަކީ އެއީ ނޫންކަމަށެވެ. ވިޔަފާރިވެރިންނަށް އިންތިހާއަށް ދަތިވެފައިވާއިރު، ޒުވާނުންނަށް ވަޒީފާގެ ފުރުސަތެއް ނުލިބޭކަމަށް މައުރޫފް ވިދާޅުވި އެވެ. މައުރޫފް ވިދާޅުވީ މިފަހުން ބޭއްވި ދެ މައުރަޒުގައި ވެސް ހުނަރުވެރި އެތައް ޒުވާނުންނާއި ވިޔަފާރިތައް ފެނިގެންދިޔަކަމަށެވެ. އެކަމަކު ބޮޑު ހަރަދުކޮށް އެ މައުރަޒުގައި ބައިވެރިވެގެން އެ ފަރާތްތަކަށް ލިބުނު އެއްވެސް ފައިދާއެއް ނެތްކަމަށް މައުރޫފް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު އެއްކޮށް ބަރޯސާވެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށްކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، މިހާރު އެންމެ ގިނައިން އިވޭ ޝަކުވާއަކީ ރިސޯޓު މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ޑޮލަރުން ދިނުމުގެ ބަދަލުގައި ދިވެހި ރުފިޔާއަށް ބަދަލުވުންކަމަށެވެ. އަދި ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް، ޑޮލަރު މާރު ކުރުން ރިސޯޓުތަކަށް މަޖުބޫރު ކުރުވައިގެން ލިބުނު އެއްވެސް ހައްލެއް އެބައޮތްތޯ މައުރޫފް ސުވާލު ކުރި އެވެ. މައުރޫފް ވިދާޅުވީ މުވައްޒަފުންނަށް ބައެއް ރިސޯޓުތަކުން ސާވިސް ޗާޖު ދެވެން ނެތްކަމަށް ވެސް އަންގަމުންދާކަމަށާއި، ސަރުކާރަށް އެ މައްސަލަ ހައްލު ކުރެވޭތަން ނުފެންނަ ކަމަށެވެ.
މައުރޫފް ވިދާޅުވީ އިގްތިސާދާއި މެދު ސަރުކާރުގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށެވެ. އަދި ވިދާޅުވީ ގައުމުގެ އިގްތިސާދު ފަހަރަށް ހުރިއިރު ޑޮލަރުގެ ރޭޓު މިހާރު ހުރީ ދުވަހަކު ވެސް މައްޗަށް ނުދާ ރޭޓެއްގައިކަމަށެވެ.
ކިހިނެއްތޯ މި ބޭބޭފުޅުންގެ ވިސްނުން ފުޅާކޮށް.. ބޮޑުކޮށް.. ގައުމާއި ދޭތެރޭ ވިސްނައ، ވިޔަފާރިއެއް ކުރުމާއި ދޭތެރޭ ވިސްނާނީ.. މުޅި ގައުމުގެ އިގްތިސާދީ މިސްރާބު ހުރީ ފަހަތަށް.. ހިފަހައްޓާލެވޭނެ ހަމަ އެއްގޮތެއް ވެސް އަޅުގަނޑުމެންނަށް ނުފެނޭ.، ޑޮލަރުގެ އަގު ހީނުކުރާހާ މައްޗަށް އަރާ.. މިއިން ދުވަހަކު ހުވަފެނުން، ނުދެކޭ ހިސާބަށް މައްޗަށް އަރާގައި މިހުރީ..
މީގެއިތުރުން މައުރޫފް ވިދާޅުވީ ޑޮލަރުގެ މައްސަލައިގައި، ގަވަނަރުގެ އެއްވެސް ހިލަމެއް ނެތްކަމަށެވެ. މުނައްވަރު މަޖިލީހަށް ހާޒިރުކޮށް ގައުމުގެ މުސްތަގުބަލު އޮތް ހާލަތާއި ގުޅޭގޮތުން ސުވާލު ކުރަން ޖެހޭކަމަށް މައުރޫފް ވިދަޅުވި އެވެ. އަދި މުނައްވަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ވަކި ކުރުމަށް މައުރޫފް ގޮވާލި އެވެ.
މައުރޫފް ވިދާޅުވީ ގައުމުގެ އިގްތިސާދާއި މެދު އެއްވެސް އޮޅުވާލުމެއް ނެތި، ސަރުކާރުން ރައްޔިތުންނަށް ތެދު މައުލޫމާތު ދޭން ޖެހޭކަމަށެވެ. ގައުމުގެ އެތެރޭގައި ހިނގާ ކަންކަމާއި މެދު ސަރުކާރަށް އެއްވެސް މައުލޫމާތެއް ނޭނގޭނަމަ ނުވަތަ ހައްލު ކުރަން ނޭނގޭނަމަ އިސްތިއުފާ ދިނުމަށް ވެސް މައުރޫފް ވަނީ ގޮވާލާފަ އެވެ.

