ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް، އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
މި މަސައްކަތް ކުރިއަށް ދާނީ ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ކަނޑައަޅާފައިވާ ހާއްސަ ސަރަހައްދުތަކުގައެވެ.
އެފްޑީސީން މީޑިއާތަކަށް ފޮނުވި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ފްލެޓު ލިބޭ ފަރާތްތައް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ކަނޑައަޅާފައި ވާތީ، އެ ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް މި މަހުގެ 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ކަނޑައަޅާފައިވާ ދުވަސްތަކުގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 04:00 އާ ހަމައަށެވެ. މި މަސައްކަތް ކުރިއަށް ގެންދާނެ ސަރަހައްދުތައް އެ ކުންފުނީގެ ރަސްމީ އެކައުންޓުތަކުން އާންމު ކުރާނެ ކަމަށްވެސް އެފްޑީސީން ވަނީ ހާމަކޮށްފައެވެ.
އެފްޑީސީން ބުނެފައި ވަނީ، ސޮއި ކުރާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި ހަވާލު ކުރުމަށް ތައްޔާރުވެފައިވާ ޔުނިޓުތަކަށް އިސްކަން ދީގެން ކަމަށެވެ.
ޔުނިޓު ލިބޭ ފަރާތްތައް އެއްބަސްވުމުގައި ސޮއި ކުރުމަށް އަންނަން ޖެހޭ ދުވަހާއި، ގަޑި އެފްޑީސީގެ ”ފަހި ޕޯޓަލް“ މެދުވެރިކޮށް އެނގޭނެ އިންތިޒާމު އެފްޑީސީން ވަނީ ހަމަޖައްސާފައެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް އަންނަ އިރު، ބައެއް މުހިންމު ލިޔެކިއުންތައް ގެނައުމުގައި ސަމާލުކަން ދިނުމަށް އެފްޑީސީން ވަނީ އެދިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ކުއްޔަށްހިފާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް
- ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް
- ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި ކޮޕީއެއް
- ޒިންމާއަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު
- އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް
މީގެއިތުރުން، އެފްޑީސީން ބުނީ ކުއްޔަށް ހިފާ ފަރާތަކަށް އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރު ނުވެވޭ ނަމަ، ޕަވަރ އޮފް އެޓާނީ ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެފްޑީސީން 4000 ހައުސިން ޔުނިޓް ތަރައްގީކޮށްފައިވާއިރު، މި ޔުނިޓުތައް ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ ފިނިޝިން މަސައްކަތްތައް ނިންމާފައި ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން، ޔުނިޓުތައް ހަވާލުކުރާއިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް ޖަހާ، ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެއެވެ.
ދެމެހެއްޓެނިވި އިޖްތިމާޢީ ބޯހިޔާވަހިކަން ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަކީ އެފްޑީސީގެ އެންމެ ބޮޑު އަމާޒެވެ.

