ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ދުއްވައިގެން އެކްސިޑެންޓުވުމުން ޒިންމާ ނަގަން ޖެހޭ އިސްލާހެއް!

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަގުމަތީގެ ގަވައިދުތަކާ ހިލާފަށް، މީހުންގެ ފުރާނައަށް ބެލުމެއް ނެތި، ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، މީކާއިލް ނަސީމް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފި އެވެ.

މި ބިލު ހުށަހަޅާފައި ވަނީ މަގުމަތީގެ ގަވައިދުތަކާ ހިލާފަށް އަދި ފަރުވާލެއް ނެތްގޮތަށް އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގެ ޝިކާރައަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަށެވެ.

ބިލާއި ގުޅޭގޮތުން މީކާއިލް ވިދާޅުވީ މި އިސްލާހުގެ ސަބަބުން، މަގުމަތީގެ ގަވައިދުތަކާ ހިލާފަށް އަދި ފަރުވާލެއް ނެތްގޮތަށް އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގައި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފުލިބޭނެ މަގު ފަހިވެގެންދާނެކަމުގެ އުންމީދު ކުރާކަމަށެވެ.

މީކާއިލް ހުށަހެޅި އިސްލާހުގައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާގެ (ށ) އި ބަޔާންކުރާ ”ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުން“ މާއްދާއަށް ނަމްބަރެއް އިތުރު ކުރުމަށެވެ.

އިތުރު ކުރަން ހުށަހަޅާފައިވާ 7 ވަނަ ނަމްބަރުގައި ވަނީ، ”ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމާމެދު ފަރުވާލެއް ނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދު ފަހަރު ދުއްވުން“ އެއީ ކުށެއް ކަމަށެވެ.

ބިލުގެ ތައާރަފުގައި މީކާއިލް ވިދާޅުވެފައި ވަނީ އިސްލާހު ހުށަހެޅުއްވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އާންމު މިންގަނޑުތަކާއި ހިލާފަށް އަދި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ މެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭނެ މަގުފަހިކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާގެ (ށ) ގައި މިހާރު އޮތް ގޮތުން، މީހަކު މަރުވެދާނެ ކަމުގެ ނުވަތަ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމާއި މެދު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ގޮތުގައި ބެލެވޭނެ ހާލަތްތަކުގެ ތެރޭގައި، މަގުމަތީގެ ގަވައިދުތަކާ ހިލާފަށް އަދި މަގުމަތި ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ފަރުވާލެއް ނެތް ގޮތަށް އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމާބެހޭ ހާލަތް ހިމަނާފައި ނެތެވެ. އެހެންވެ އެކަމުގައި ޝާމިލްވާ މީހުންނާއި މެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމަށް ނެތުމުން ގޮންޖެހުންތައް ދިމާވާން ފާހަގަކުރެއްވި އެވެ.

މާލޭގައި މިފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފަ އެވެ. އަދި ބްރިޖާއި، ބްރިޖް ހައިވޭގެ އިތުރުން ބްރިޖުން ފައިބައިގެން ދާ ބޮޑު ތަކުރުފާނު މަގުގައި އެކްސިޑެންޓުތައް ހިނގުން ވަނީ އާންމުވެފަ އެވެ.

މި ބިލުގެ ސަބަބުން މަގުމަތީގެ ގަވާއިދުތަކާއި ހިލާފަށް އަދި މަގުމަތި ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުވަތަ ފަރުވާލެއްނެތް ގޮތަށް އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގައި ޝާމިލުވާ ފަރާތްތަކާމެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި އިންސާފު ލިބޭނެ މަގު ފަހިވެގެންދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: