ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓު ހަވާލު ކުރުން؛ އަނބިމީހާ/ފިރިމީހާއަށް ބިންވެރިޔާ ސްކީމުން ލިބުނު ގޯތި ދޫކުރަން ނުޖެހޭނެ!

އެފްޑީސީން އަޅަމުންދާ ފްލެޓުތައް ފޮޓޯ: އެފްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބިމެއް އޮތް ނަމަ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކުރުމަށް ނިންމި ނިންމުމަށް އަމަލު ނުކުރުމަށް ނިންމައިފި އެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ ނަމަ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނީ އެ ގޯތި ދޫކޮށްލަން އެއްބަސްވުމުންކަމަށް އިއުލާނު ކުރީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން އެންޑް ކޮންޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެއް އާއިލާއަކަށް އެއް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓް ލިބުމަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރޭގައި، 391 ދެމަފިރިން ހިމެނޭ ކަމަށެވެ. އެހެންވެ ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތްނަމަ ފްލެޓް ލިސްޓުން އުނިކުރުމަށް ނިންމީ އެވެ.

އެ ނިންމުމަށް ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް، އަންނަ ހޯމަ ދުވަހު ފްލެޓު އެއްބަސްވުމުގައި ސޮއި ކުރުމަށް ސަރުކާރުން ވަނީ ތައްޔާރުވެފަ އެވެ. އަދި މިރޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ 4000 ފްލެޓުގެ ތެރެއިން ”ބިންވެރިޔާ“ ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް ފްލެޓު ދިނުމުގައި އަމަލު ކުރާނެކަމަށް ފަހުން އިއުލާނު ކުރި ޝަރުތަށް އަމަލު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެ ނިންމުން ބަދަލު ކުރީ އޭގެ ސަބަބުން ރައްޔިތުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާތީ ކަމަށެވެ. އަދި ”ބިންވެރިޔާ“ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލެ ފޭސް 2 އަދި ގުޅީފަޅު ހިއްކުމުގެ މަސައްކަތް އަދިވެސް ކުރިޔަށް ދާކަން ފާހަގަކޮށް ބުނީ، ހިއްކާފައިވާ ބައެއް ބިންތަކުގައި ޢިމާރާތްކޮށް ދިރިއުޅެން ފެށުމަށް ވަގުތު ނަގާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ހޯމަ ދުވަހުން ފެށިގެން އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައި ވަނީ، ފްލެޓްގެ މަސައްކަތްތައް ނިމޭ ވަރަކުންނެވެ. އެ މަސައްކަތް ކުރިޔަށް ގެންދާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފައި ވަނީ، ސޮއި ކުރާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި ހަވާލު ކުރުމަށް ތައްޔާރުވެފައިވާ ޔުނިޓުތަކަށް އިސްކަން ދީގެން ކަމަށެވެ.

ޔުނިޓު ލިބޭ ފަރާތްތައް އެއްބަސްވުމުގައި ސޮއި ކުރުމަށް އަންނަން ޖެހޭ ދުވަހާއި، ގަޑި އެފްޑީސީގެ ”ފަހި ޕޯޓަލް“ މެދުވެރިކޮށް އެނގޭނެ އިންތިޒާމު އެފްޑީސީން ވަނީ ހަމަޖައްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: