އަނިޔާވެރި ގޮތަކަށް އއ މާޅޮސް އޯކިޑުމާގޭ އަބްދުއްރަޙުމާން އާދަމް (65 އ) މަރާލާފައިވާ މައްސަލައިގެ ތަހުގީގަށް ބޭނުންވާ، ތަހުލީލު ހެދުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްޓު މޯޓަމް ހެދުމަށްފަހު އަބްދުއްރަޙުމާންގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.
އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި، ތަޙްޤީގަށް ބޭނުންވާ ހެކި ހޯދުމަށްކަމަށް ފުލުހުން ބުންޏެވެ. ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނައީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާގެ ތްރިވަރަންްތަޕުރަމްއަށް ފޮނުވާލީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ، އަބްދުއްރަހުމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު 23 ޖުލައިގައި މާލެ ގެނެސް މޯޗަރީގައި ބާއްވާފައިވާ ކަމަށެވެ.
މީގެ އިތުރުން، އަބްދުއްރަޙްމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. އެގޮތުން، އޭނާގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.
މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

