އިންޑިއާގެ ބޮޑުވަޒީރަށް ރަސްމީ އިއްޒަތުގެ މަރުހަބާ ކިޔައިފިއެވެ.
މޯދީ ރާއްޖެ ވަޑައިގަތީ އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު، ސީދާ އެ ގައުމުންކަން ފާހަގަކޮށްލެވެ އެވެ.
މޯދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާއެއް ވަނީ ކިޔާފަ އެވެ. އަދި، ބޯޓުން ފައިބާވަޑައިގަތުމުން މޯދީއަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މޯދީ ރާއްޖެ ވީއައީއޭއާއި، މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ވަނީ ރައީސް މުއިއްޒާއި މޯދީގެ ފޮޓޯތައްޖަހައި މަރުހަބާ ކިޔައި ޒީނަތްތެރިކޮށްފަ އެވެ.
މީގެއިތުރުން، ރާއްޖެއަށް މޯދީ ވަޑައިގަތުމާއި ގުޅިގެން، އެމަނިކުފާނަށް މަރުހަބާ ކިޔުމުގެ ގޮތުން، ޖުމްހޫރީ މައިދާނުގައި ރަސްމިއްޔާތެއް ކުރިއަށް ގެންދިޔައެވެ. އަދި މި ރަސްމިއްޔާތަކީ އެމަނިކުފާނަށް އިއްޒަތުގެ މަރުހަބާ ދެންނެވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެކެވެ.
އެގޮތުން، މި މަރުހަބާ ދެންނެވުމުގައި އަމީނިޔާ ސްކޫލުގެ ދަރިވަރުން ވަނީ ސަގާފީ ހުށަހެޅުމެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު، 21 ބަޑީގެ ސަލާމެއް ވަނީ އެމްއެންޑީއެފްއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ހަމައެއާއިއެކު، އެމްއެންޑީއެފްގެ އޯކެސްޓްރަލް ބޭންޑުން އިންޑިއާގެ ގައުމީ ސަލާމާއި ރާއްޖޭގެ ގައުމީ ސަލާމްވެސް ވަނީ އިއްވައިފައެވެ. އަދި، މޯދީގެ ޝަރަފަފުގައި އޮތް ޝަރަފުގެ ގާޑް، އިސްޕެކްޓް ކޮށްދެއްވުންވެސް ކުރިއަށް ގެންދިޔައެވެ.
މީގެއިތުރުން، މި ރަސްމިއްޔާތުގައި، މޯދީއަށް ދިވެހި ދައުލަތުގެ އިސްވެރީންނަށް މަރުހަބާ ވިދާޅުވެ، އެބޭފުޅުން ތައާރަފުވެވަޑައިގެން، މޯދީއާއިއެކު އިންޑިއާގެ ވަފުދުގެ ބޭފުޅުންވެސް ތައާރަފުކޮށްދެއްވުންވެސް ކުރިއަށް ގެންދިޔައެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތުފުޅަކަށް ބޮޑުވަޒީރު މޯދީ ވަނީ ރާއްޖެއަށް ވަނީ ވަޑައިގެންފައެވެ. މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭރު ގައުމެއްގެ އިސްވެރިއަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މިއީ، ބޮޑުވަޒީރު މޯދީގެ ތިންވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

