މިނިވަންކަން ދެމެހެއްޓުމުގައި އެންމެންގެވެސް މަސްއޫލިއްޔަތެއް އޮންނާނެކަމަށާއި މިގޮތުގެ މަތީގައި ތިބެވޭނީ އެންމެންވެސް އެބައެއްގެ ޒިންމާތައް އަދާކޮށްގެންކަމަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ސަންގުޓީވީއާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާ އަދި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން ކުރިޔަށް ގެންދިޔަ ”ބަހުސް 60“ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އައްބާސް ވިދާޅުވީ، މިނިވަންކަމުގެ އުފާ ނުވަތަ އެދުވަހުގެ ހަނދާންތަކަކީ އެންމެ ދުވަހަކުން ފާހަގަކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިނިވަންކަމަކީ މުޅި ދިރިއުޅުމާއި ގުޅިފައިވާ ކަމެއް ކަމަށް ހިއްސާކުރެއްވިއެވެ.
އައްބާސް ވިދާޅުވީ، މިނިވަންކަމަކީ ގައުމެއްގެ ފުރާނަކަމަށާއި އެ ފުރާނަ ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން ލާޒިމުކަމަށް ވިދާޅުވިއެވެ. އަދި މިނިވަންކަމަކީ މާތްﷲ ދިވެހިންނަށް ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެއްކަމަށާއި އެކަމަށް ޝުކުރުކުރަންޖެހޭނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދުނިޔެއިންވެސް ދިވެހިންނަށް ދީފައިވާ ވަރަށް ބޮޑު ޝަރަފެއްކަމަށާއި އެކަން ދަމަހައްޓަންވާނެއިރު ގަދަރުވެސްކުރަންޖެހޭނެކަމަށެވެ.
މިނިވަންކަމަކީ ކާބަފައިން މިހިސާބަށް ވާސިލުކޮށްދީފައިވާ ވަރުގަދަ އަމާނާތެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ދަރިންނާއި ދަރިންގެ ދަރީންނާއި ހިސާބަށްވެސް އެ އަމާނާތް ވާސިލުކޮށްދޭންޖެހޭނެކަމަށް ފާހަގަކުރެއްވިއެވެ. އެކަމުގައި ދިވެހިންގެ ތެރެއިން ކޮންމެ ރައްޔިތެއްގެވެސް މަސްއޫލިއްޔަތެއް އޮތްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އައްބާސް ވިދާޅުވީ، އެއީ އެންމެންގެ މަސްއޫލިއްޔަތެއްކަމަށްވުމުން އެކަން ދެމެހެއްޓޭނީ އެންމެންވެސް އެމީހެއްގެ ޒިންމާ އަދާކޮށްގެންކަން ހަނދާނުގައި ބަހައްޓަންޖެހޭކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ދިވެހިންނަކީ އަބަދުވެސް މިނިވަން ބައެއްގެ ގޮތުގައި ތިބުމަށް އެދިވަޑައިގަންނަވާކަމަށާއި މި ގައުމު މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ދިވެހިންނަކީ މިނިވަންކަމާއި އުފާވެރިކަމާއި އަމާންކަން ލިބިގެންވާ ބައެއްގެ ގޮތުގައި ލެހެއްޓެވުން އިރާދަކުރެއްވުމަށް އެދިވަޑައިގަންވާކަމަށްވެސް ވިދާޅުވިއެވެ.

