ގައުމެއްގެ ސަލާމަތާއި ރައްކައުތެރިކަން ދެމިއޮންނާނެ ހަމައެކަނި މަގަކީ އެއްބައިވަންތަކަން ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއިބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިވަންދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ނަސީރު ވިދާޅުވީ، މިނިވަންކަން ލިބުމަށްފަހު ދެން އޮންނަނީ ދެމެހެއްޓުމާއި ދިފާއުކުރުމުގެ މަސައްކަތްތައްކަމަށެވެ. އެހެންކަމުން އެ ނަޒަރުން ވިސްނާލާއިރު ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެންވެސް ވަރަށް ސާފުކޮށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތު ރައްޔިތުންނަށް ހާމަކޮށްދެއްވާފައިވާކަމަށެވެ. އެމަނިކުފާނަށް އެންމެ މުހިންމުވާނީ ދިވެހިންނާއި ދިވެހިންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަރުވެފައި އޮތުންކަމާއި މުހިންމީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުކަމުގެ އިތުރުން އެކަން ދިފާއުކުރެއްވުމާއި އެކަމާއިމެދު ވިސްނާނެ ސިކުނޑިތަކެއް އުފެއްދުން އެމަނިކުފާނަށް މުހިންމުވެގެންދާކަން އެނގޭކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ދިވެހިންގެ އުފާވެރިކަމާއި ބާއްޖަވެރިކަން މުހިންމުކަމަށްވުމުން އެކަން ހާސިލުކުުރުމުގެ ގޮތުން އެހެނިހެން އުމްރާނީ ތަރައްގީތައްވެސް ގެންނަވާނެކަން އެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިފައިވާކަމަށެވެ. އަދި އެ އަސާސްތަކުގެ މަތިން ކުރެވެމުންދާ މަސައްކަތްތައްވެސް ފެންނަމުންދާކަމަށާއި މިިނިވަންކަން ދިފާއުކުރުމުގައި އެ އަސާސްތައް މުހިންމުކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
މިނިވަން ދުވަސް ފަދަ މުނާސަބާތަކާއި ގުޅިގެން ޖަލްސާތައް ބާއްވަނީ އިސްވެ ދެންނެވި ކަންކަމާއިމެދު އިތުރަށް ވިސްނާ ފިކުރުކޮށް ހިޔާލުކޮށް އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައިކަމަށެވެ. އަދި ސަލާމަތާއި ރައްކައުތެރިކަން ދެމިއޮންނަ ހަމައެކަނި މަގަކީ އެއްބައިވަންތަކަން ކަމަށް ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ކީރިތި ގުރުއާންގެ ބައެއް އާޔަތްތަކުންވެސް އެކަން ފެނިގެންދާކަމަށާއި އެއްބައިވަންތަކަން ދެމެހެއްޓުން މުހިންމުއިރު މުސްލިމުންގެ އެންމެ ހާއްސަ ސިފައަކީ އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއަށް ނެރުންކަމަށް މައުލޫމާތު ދެއްވިއެވެ.
އެހެންކަމުން ދިވެހިން އެއްބައެއްގެ ގޮތުގައި ދެމިތިބުމާއި އެއްބައެއްގެ ގޮތުގައި ޝާމިލުވެ ލާމެހިގެން ތިބުމާއި އެއް އާއިލާއެއްކަމުގެ އިހުސާސް ގެނައުމަކީ މިނިވަންކަމުގެ ދުވަހުގެ އެންމެ ހާއްސަ އެއް ހަގީގަކަށް ހަދަންޖެހޭކަމަށެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅުތަކުގައިވެސް މިކަމަށް އިޝާރާތްކުރައްވާކަމަށެވެ.

