އެމަނިކުފާނުގެ މައިގަނޑު ސިޔާސަތަކަށް އަބަދުވެސް ވާނީ ދިވެހިން އިސްކުރުންކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، މިނިވަންކަމަކީ ބުރަ އަދި ޤައުމީ މަސައްކަތުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ހޯދިފައިވާ އެއްޗެއް ކަމަށާއި، އެހެންކަމުން އެ ޤައުމީ މަސައްކަތުގެ އަގުވަޒަން ކުރަން ޖެހޭކަމަށެވެ.
ރައީސް ވިދާޅުވީ، މިނިވަންކަން ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަންޖެހޭނީ ފަރުދީ ޒިންމާއެއްގެ ގޮތުގައި އެކަން ދެކިގެން ކަމަށެވެ. އެނޫން ގޮތަކަށް މިނިވަންކަން ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްނުދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ޤައުމީ މަސައްކަތް އަމާނަތްތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ
ރައީސް ވަނީ ޤައުމީ ލޯބި އިސްކުރުމަށްވެސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، ސަރުކާރުތަކުން ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، ސަރުކާރުން ކުރާ މަސައްކަތާ އެއްގޮތަށް ފަރުދީ ގޮތުން ކުރާ މަސައްކަތްވެސް މުހިއްމުވާނެކަމަށެވެ. އަދި ވިދާޅުވީ، އެމަނިކުފާނުގެ މައިގަނޑު ސިޔާސަތަކަށް އަބަދުވެސް ވާނީ ދިވެހި ރައްޔިތުން އިސްކުރުންކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޤައުމުތަކާ ގުޅުން ބަދަހި ކުރައްވާނީވެސް ރާއްޖެއަށް ފައިދާވާ ކަންކަމުގައި ކަމަށެވެ.

