ކުރީ ދެ ސަރުކާރުގައި ވެސް ތަރައްގީގެ މަޝްރޫއުތައް ފެށިގެން ދިޔައީ ވެރިކަމުގެ ދެވަނަ އަހަރުގެ ތެރޭގައިކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު އިގްތިސާދީ ދަތިތަކާއި އެކު ވެސް ޕްރޮޖެކްޓުތައް މިހާރު ހިންގަން ފަށާފައިވާކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
މި މައުޟޫއުގައި މަމްދޫހު ވާހަކަ ދެއްކެވީ، ރައްޔިތުންގެ ހިޔާލު ހޯދުމާއި ގުޅޭ ބިލުގައި އިންތިހާބުތަކާއި ގުޅޭ ވާހަކަ ހިމަނާފައި އޮތް އިރު، ސަރުކާރުން ބޭނުން ވަނީ ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނެސް ކައުންސިލަރުން މަދު ކުރުމާއި މެދު ގޮތެއް ނިންމަންކަމަށްވާއިރު އެކަމަށް ވަގުތު ނެތްކަން ފާހަގަކުރުމުންނެވެ. އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ހަމަޖެއްސުމަށް ޕާޓީތަކުން ޕްރައިމެރީއަށް ތައްޔާރުވެފައިވާއިރު ސަރުކާރުގެ މިވަގުތުގެ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރުމުން މަމްދޫހު ވިދާޅުވީ ރައްޔިތުން ވެސް ތިބީ ނިޒާމީ ބަދަލަކަށް ބޭނުންވެފައި ކަމަށެވެ.
މަމްދޫހު ވިދާޅުވީ ލާމަރުކަޒީ ނިޒާމާއި މެދު ގޮތެއް މަޖިލީހުގައި މި އަހަރުގެ ތެރޭގައި ނިންމާނަމަ، އެކަން ކުރާނީ ކެންޑިޑޭޓުންގެ ކެމްޕެއިނާއި ސިޔާސީ ޕާޓީތަކުން ވާން ޖެހޭ ތައްތާރީތަކަށް ވަގުތު ލިބޭ ގޮތަށް ކަމަށެވެ. އަދި ބަދަލުތައް ގެނެސް، އެއަށް ރައްޔިތުން އަހުލުވެރި ކުރުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރެވޭނެކަމަށް ވެސް ވިދާޅުވި އެވެ.
މިއާއި އެކު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުން، ރައްޔިތުންގެ ހިޔާލު ހޯދުމާއި ބެހޭ ބިލުގައި ހިމަނާފައި އޮތް އިރު އެ މަސައްކަތް ވެސް ކުރިޔަށް ގެންދާނީ ރަނގަޅަށް ދިޔާސާކޮށްގެންކަމަށް މަމްދޫހު ވިދާޅުވި އެވެ.
އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިއީ ގާތްގަނޑަކަށް އޭޕްރީލް މަހުގެ ތެރޭގައި ދެހާސް ސައްބީސް އޭޕްރީލް ހިސާބުގައި އޮންނާނީ ވޯޓު އިނގޭތޯ ޕާޓީތަކުގެ ޕްރައިމަރީ ބާއްވަންށާއި އަދި ރަށްރަށުގައި މިސާލަކާ ހަމަ ޕާޓީއެއް މެދުވެރިނުކޮށް މިސާލަކަށް ނުކުންނަން ބޭނުންވާ ފަރާތްތަކުން ކެމްޕެއިނެއް ކުރާނެހާ ވަގުތު އޮއްވާ އިރާދަކުރެއްވިއްޔާ މި ބަދަލުތައް ގެނެވޭނެ
ސަރުކާރުން ސިޔާސަތުތަކާއި ގުޅޭގޮތުން ބަދަލުތައް ގެންނަމުންދާއިރު، މަމްދޫހު ވަނީ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ކުރިމަތިލާން ޖެހުނު ބައެއް ގޮންޖެހުންތައް ވެސް ފާހަގަކުރައްވާފަ އެވެ. މަމްދޫހު ވިދާޅުވީ، މި ސަރުކާރަށް މިދިޔަ ދޮޅު އަހަރުގައި އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވީ ބޮޑެތި ޕްރޮޖެކްޓުތައް ކުރިޔަށް ނުދާކަމަށް ބުނެކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ، ބޮޑެތި ހަރަދުތައްކޮށް ޕްރޮޖެކްޓުތައް ހިންގޭނެ ހާލަތެއްގައި ނޫންކަމަށް މަމްދޫހު ވިދާޅުވިއެެވެ.
މަމްދޫހު ވިދާޅުވީ، ކުރީގެ އެމްޑީޕީ ސަރުކާރަށް ”ބޮޑު ތަނުން ނޫނެކޭ“ ރައްޔިތުން ބުނިއިރު ދިވެހިރާއްޖެ އޮތީ ބަނގުރޫޓުވުމާ ދިމާލަށްކަން ވަރަށް ބޮޑަށް ސާފުކޮށް އެނގިފައިވާ ކަމަށެވެ. މިހާރުގެ ސަރުކާރާ ހަވާލުވެ، ފުރަތަމަ ކުރަންޖެހުނު މަސައްކަތަކީ ދިވެހިރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމުގެ މަސައްކަތް ކަމަށް މަމްދޫހު ފާހަގަކުރެއްވިއެވެ.
މަމްދޫހު ވިދާޅުވީ، ސަރުކާރާ ހަވާލުވެ، ރައީސް މުއިއްޒު މަސައްކަތް ކުރައްވަން ޖެހުނީ ގައުމުގެ އިގްތިސާދު ސަލާމަތްކުރުމަށް ކަމަށެވެ. އެއާއެކީގައި މިހާރު މަޑުމަޑުން ރަށްރަށުގެ ތަރައްގީގެ ޕްރޮޖެކްޓްތައް ވެސް ކުރިއަށްދާ މަންޒަރު ފެންނަމުންދާކަމަށް އޭނާ ހާމަކުރެއްވިއެވެ.
އަޅުގަނޑުމެން އެބަ ފެނޭ ނޫންތޯ މިހާރު މަޑުމަޑުން ރަށްރަށުގެ ޕްރޮޖެކްޓުތައް ވެސް ހިނގަމުންދާ ތަން.. އެހެން ދެ ދައުރެއް ނިމިގެންދިޔަ މިއީ 2013 އިން 2018 އަށް 2018 އިން 2023 އަށް.. ނިމިގެންދިޔަ ދެ ދައުރު ވެސް މިހާރު ރަށްރަށުގައި އަޅުގަނޑުމެން މި ފަށަމުންދާ ޕްރޮޖެކްޓް ކަހަލަ ޕްރޮޖެކްޓްތައް ފެށިފައި ހުންނާނީ ވެރިކަމުގެ ދެ ވަނަ އަހަރު ނިމި ތިން ވަނަ އަހަރު.. އެހެންނަމަވެސް އަޅުގަނޑުމެންގެ މި ސަރުކާރު އިގްތިސާދީ ގޮތުން އެ އޮތް ދަތި ހާލާ އެކީގައި ސަރުކާރާ ހަވާލުވެ.. އަޅުގަނޑުމެން އޭރުގެ ސަރުކާރުތަކާއި ނޫނީ އޭރު ވެރިކަން ކުރެއްވި ބޭބޭފުޅުންނަށް ވުރެ އަޅުގަނޑުމެންގެ ސަރުކާރުގެ ތެރެއިން ޕްރޮޖެކްޓަތައް ރަށްރަށުގައި ފެށިގެންދާ ވަރު ވެސް އެއް އަހަރު ކުރީގައި ހަގީގަތުގައިމި އަހަރު އަޅުގަނޑު ފަށަމުންދާ ޕްރޮޖެކްތައް ފެށިގެންދާއިރު އޮންނާނީ..
މަމްދޫހު ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ރަށްރަށުގައި ތަރައްގީގެ ޕްރޮޖެކްޓްތައް ފެށިފައި ހުންނާނީ ވެރިކަމުގެ ދެ ވަނަ އަހަރު ނިމި ތިން ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް މި ސަރުކާރުން، އިގްތިސާދީ ގޮތުން ދަތި ހާލަތެއްގައި ސަރުކާރާ ހަވާލުވުމަށް ފަހު، ކުރީގެ ސަރުކާރުތަކަށް ވުރެ އެއް އަހަރު ކުރީން ރަށްރަށުގައި ޕްރޮޖެކްޓްތައް ފެށިކަމަށް މަމްދޫހު ވިދަޅުވި އެވެ.
މި ހާލަތްތަކަށް ބަލާއިރު މަމްދޫހު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހިމެނޭ ގޮތަށް ނިޒާމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ރައްޔިތުން ބޭނުންވާކަމަށެވެ. އަދި ހަރަދު ކުޑަކުރުމަށާއި، ރައްޔިތުންގެ ޝާމިލުވުން ވީހާވެސް ބޮޑަށް ހިމެނޭ ގޮތަށް ކަންކަން އިންތިޒާމުވެގެން ދިއުމަށް ރައްޔިތުން ބޭނުންވާކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ އަސްލު ބާރުވެރިކަމެއް އޮންނަ މަގަށް ބަދަލުތަކެއް ގެންނަން ރައްޔިތުން އެދޭ ކަމަށާއި، ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ވީހާ ވެސް ގިނަ ރައްޔިތުންގެ ބަހާ އެކީގައި ވެރިޔަކު އައްޔަންކުރަން ރައްޔިތުން އެދޭ ކަމަށް މަމްދޫހު ފާހަގަކުރެއްވިއެވެ. މިހާރު ސަރުކާރުން މަސައްކަތްކުރަމުން މިދަނީ މިފަދަ އިސްލާޙްތަކެއް ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

