ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު އިމާރާތާއެކު ޝަރީޢަތްތައް ހިންގުމަށް ދިމާވި ދަތިތަކަށް އެކަށީގެންވާ ޙައްލެއް ލިބޭނެ: ޕީޖީ އޮފީސް

ޖަސްޓިސް ބިލްޑިންގ އެނެކްސް/ ކްރިމިނަލް ކޯޓު އިމާރަތް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަސްޓިސް ބިލްޑިންގ އެނެކްސް ހުޅުވިގެން ދިއުމާއެކު ޝަރީޢަތްތައް ހިންގުމަށް ދިމާވި ދަތިތަކަށް އެކަށީގެންވާ ޙައްލެއް ލިބޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ޕީޖީ އޮފީހުން ބުނީ، ޖަސްޓިސް ބިލްޑިންގ އެނެކްސް ހުޅުވިގެން ދިއުމާއެކު، 2022 ވަނަ އަހަރުން ފެށިގެން ކްރިމިނަލް ކޯޓަށް ދިމާވި ޖާގައިގެ ދަތިކަން ޙައްލުވެގެން ދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޝަރީޢަތްތައް ހިންގުމަށް ދިމާވި ދަތިތަކަށްވެސް އެކަށީގެންވާ ޙައްލެއް ލިބޭނެކަމަށް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މި ބަދަލުތަކާއެކު ޖިނާއީ ޢަދުލުގެ ނިޒާމު ހިނގުން އަވަސްވެ، އިންސާފު ލިބުން އަވަސްވާނެކަމަށްވެސް ޕީޖީ އޮފީހުން ކުރި ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ، އަހަރުތަކަކަށްފަހު ކްރިމިނަލް ކޯޓު ފުލް ކެޕޭސިޓީގައި ހިންގަން ފަށާއިރު، އެކަމަށްޓަކައި އެ އޮފީހުގެ މުވައްޒަފުންނާއި ވަސީލަތްތައް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓަށް ދިމާވި ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޕީޖީ އޮފީހުން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ޖަސްޓިސް ބިލްޑިންގ އެނެކްސްގައި ޤާއިމުކުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ހުޅުވައިދެއްވާފައެވެ.

ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ ދިގުލައިގެން ދިއުންކަމަށްވާއިރު، ހުޅުމާލޭގައި ތަރައްޤީކުރި ޖަސްޓިސް ބިލްޑިންގ އެނެކްސްއަކީ ހުޅުމާލޭގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް، މިވަގުތަށް ޙައްލު ހޯދައިދިނުމަށް ތައްޔާރުކުރެވުނު އިމާރާތެކެވެ. މި 2 ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ މާލޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވައިދެއްވި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ބޭނުންކުރަން ފެށުމުން، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ، ދިގުލައިގެން ދިއުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެއެވެ. މިއަދު ހުޅުވި އިމާރާތުގައި ޑްރަގް ކޯޓަށް ޚާއްޞަ 5 ކޯޓު ރޫމް އަދި ކްރިމިނަލް ކޯޓަށް ޚާއްޞަ 10 ކޯޓު ރޫމް ހިމެނެއެވެ. އަދި ފަނޑީޔާރުންނަށް ޚާއްޞަ 17 ކޮޓަރީގެ އިތުރުން، ދިފާޢީ ވަކީލުންނަށާއި ދައުލަތުގެ ވަކީލުންނަށް ބޭނުން ކުރެވޭނެ ޖާގަތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކުރައްވައިގެން ކުރިއަށް ގެންދެވި މި މަޝްރުޢޫގެ ދަށުން ތަރައްޤީކުރި އައު އިމާރާތުގެ ކޯޓު ރޫމްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ތަންތަނަށް ވުމުން، ޝަރީއަތްތައް ހިންގުމަށާއި ކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ޖާގައިގެ ތަނަވަސްކަން ލިބޭނެއެވެ.

ކްރިމިނަލް ކޯޓު

ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަހަރު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި މި ކޮމްޕްލެކްސް ނިމެންދެންވެސް ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު، ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާ، މި އަހަރުގެ އޮގަސްޓު މަހުގެ ކުރިން ހުޅުމާލޭގައި މި ދެ ކޯޓު ހިންގަން ފެށުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ނިންމައިލެވޭނެކަމުގައި ވިދާޅުވިއެވެ. މިކަމުގެ ސަބަބުން، ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށާނެކަމަށާއި، ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި، ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ފެބުރުއަރީ 6 ވަނަ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިއަދު މެންދުރު ފަހު އޮތް ރަސްމިއްޔާތުގައި، ޝަރުޢީ ދާއިރާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. އަދި ޖަސްޓިސް ބިލްޑިންގ އެނެކްސްގައި ދިވެހި ޤައުމީ ދިދައާއި ޖުޑީޝަރީ ދިދަ ނެގުންވެސް މިރަސްމިއްޔާތުގައި އޮތެވެ. މި ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ އިސްވެރިންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: