ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ގެނައި ގަނޫނާއި ގަވައިދުން ސަރުކާރުން ނެރެން ބޭނުންވި ނަތީޖާ ނުފެންނަކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އިގްތިސާދު މިހާރު ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި ހިމެނެނީ އަންނަ އަހަރު އަދާކުރަން ޖެހިފައިވާ ބޮޑެތި ބޭރުގެ ލޯނުތަކާއި، ޑޮލަރުގެ ތާށިކަމެވެ. ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ގާނޫނެއް ގެނެސް، ކަޅު ބާޒާރު ނައްތާލެވޭނެކަމަށް ވަނީ ބުނެފަ އެވެ. އަދި ސަރުކާރުން ވަނީ ޑޮލަރުގެ މައްސަލަ އެއްކޮށް ހައްލު ކުރެވި ހާލަތު ރަނގަޅުވަމުންދާކަމަށް ވެސް ބުނެފަ އެވެ. އެހެން ނަމަވެސް މިފަހުން ޑޮލަރުގެ އަގު 20 ރުފިޔާއަށް އުފުލި، ޑިމާންޑާއި އެއްވަރަށް ޑޮލަރު ލިބުން ވަނީ އުނދަގޫވެފަ އެވެ.
މިކަމާއި ގުޅޭގޮތުން ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި އަޒާން ވިދާޅުވީ އިގްތިސާދީ ގޮތުން ދިވެހިރާއްޖޭގެ ހާލަތު އުނދަގޫ ދަނޑިވަޅެއްގައި އޮތް އިރު، އަންނަ އަހަރު އެކަނިވެސް އެއް ބިލިއަން ޑޮލަރުގެ ލޯނުތައް ދައްކަންޖެހޭ ކަމަށެވެ. އަދި ފަސްސަތޭކަ މިލިއަން ޑޮލަރުގެ ސުކޫކު އެއް ފަހަރާ އަންނަ އަހަރު ދައްކަން ޖެހޭކަން ފާހަގަކުރެއްވި އެވެ. އަޒާން ވިދާޅުވީ މި ލޯނުތައް އަނބުރާ ދެއްކޭނެކަމުގެ ޔަގީންކަން ސަރުކާރުން ދެމުން ދިޔަ ނަމަވެސް އެކަން ކުރާނެ ގޮތުގެ އެއްވެސް މައުލޫމާތެއް މަޖިލީހާއި ހިއްސާކޮށްފައި ނުވާކަމަށެވެ. ލޯނު އަނބުރާ ދެއްކުމުގެ ޕްލޭނަކީ ކޮބައިކަން ރައްޔިތުންނަށް ސާފު ނުވާކަމަށް އަޒާން ވިދާޅުވި އެވެ.
މި ލޯނުތައް ރީފައިނޭންސްކޮށް، އެހެން ގޮތަކުން 500 މިލިއަން ޑޮލަރު ހޯދައި ފައިސާ ދެއްކުމަށް ރާވާކަމަށް ވެސް ވާހަކަތައް ދެކެވެމުންދާކަމަށް އަޒާން ވިދާޅުވި އެވެ. އަޒާން ވިދާޅުވީ އުންމީދަކީ ސަރުކާރަށް މުއްދަތުގެ ތެރޭގައި ލޯނު އަދާކުރެވުންކަމަށާއި، އެ ނޫނީ ގައުމުގެ އިގްތިސާދަށް އަނެއްކާވެސް އޭގެ އަސަރު ކުރާނެކަމަށެވެ.
ދިވެހި ރުފިޔާގެ އަގު ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ، މީގައި ވެސް ބައެއް ސަބަބުތައް ހުރި ކަމަށެވެ. ދާދި ފަހުން ސަރުކާރުން ބައެއް ރެގިއުލޭޝަންތަކަށް ބަދަލުތަކެއް ގެނެސް، ޓޫރިސްޓު ރިސޯޓުތަކުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ބަދަލު ގެނައިކަން ފާހަގަކުރެއްވިއެވެ.
ސަރުކާރުން އޭރު އިޢުލާން ކުރެއްވި އޭގެ މައިގަނޑު މަޤްސަދަކީ ޑޮލަރުގެ ހަމަ މަގަށް އެޅުން ކަމަށް ވިދާޅުވީ. އެހެންނަމަވެސް މިހާރު މި ފެންނަނީ ސަރުކާރުން ބޭނުންވި ނަތީޖާއެއް ނޫން ނެރެވިފައި މި ވަނީ މި ކަމުގެ ތެރެއިން
އަޒާން އިތުރަށް ވިދާޅުވީ ރިސޯޓުތަކުން މިހާރު މި ޖެހެނީ ބޭންކުތަކަށް ޑޮލަރު މާރުކުރަން ކަމަށާއި، ރިސޯޓުތަކުގެ އާމްދަނީގެ ވަރަށް ބޮޑު ބައެއް ބޭންކުތަކަށް މާރުކުރަން ޖެހޭ ކަމަށެވެ. ދެން ބޭންކުތަކުން ލިބޭ ޑޮލަރުގެ ނުވަދިހަ އިންސައްތަ ސަރުކާރަށް މާރު ކުރަނީ ލޯނުތައް އަދާކުރުމަށްކަމަށް ވާތީ އާންމު މާކެޓަށް ބޭނުންވާ މިންވަރަށް ޑޮލަރު ދޫ ނުވާކަމަށް އަޒާން ވިދާޅުވި އެވެ.
މިކަމުގެ ސަބަބުން ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް މާކެޓުން ޑޮލަރު ލިބުމުގައި ދަތިކަމެއް އައިސްފައިވާ ކަމަށާއި، ޑޮލަރެއް ނުލިބޭ އެއް ސަބަބަކީ އެއީކަމަށް އަޒާން ވިދާޅުވިއެވެ.
މީގެ ދެ ސައިޑް ވެސް އެބަ އޮތް. އެއް ކަމަކީ މި ދަނޑިވަޅު ސަރުކާރުން އެބަ ޖެހޭ ކޮންމެވެސް ގޮތަކަށް ޑޮލަރު ހޯދައި ލޯނު ދައްކަން ވެސް. ހަމަ އެގޮތަށް ޕަބްލިކަށް ބޭނުންވާ ޑޮލަރު ވިޔަފާރިވެރިންނަށް ބޭނުންވާ ޑޮލަރު އާންމު ރައްޔިތުން އެކިއެކި ބޭނުންތަކުން މި ބޭނުންވާ ޑޮލަރު ހޯދޭނެ ގޮތެއް ވެސް އެބަ ހޯދަންޖެހޭ. އެކަމަކަށް ސޮލިއުޝަނެއް ނުލިބޭ،
އަޒާން ވިދާޅުވި ގޮތުގައި، ލޯނު ދައްކަން ބޭނުންވާ ޑޮލަރު ސަރުކާރަށް މި ރެގިއުލޭޝަނަށް ގެނައި ބަދަލުގެ ސަބަބުން ވަނީ މަގުފަހިވެފަ އެވެ. އަދި ލޯނު ދައްކަން ނުޖެހޭ ނަމަ މި ރެގިއުލޭޝަންގެ ސަބަބުން އާންމު ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ މިހާރު އޮތީ ދެ މައްސަލައެއްކަމަށްވުމާއި އެކު، އެކަން ހައްލު ކުރަންޖެހޭކަމަށެވެ.

