އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢުގެ ދަށުން، އާރް.ޓީ.އެލް (ރާޖެ ޓްރާންސްޕޯޓް ލިންކް) ފެރީގެ ޚިދުމަތް، ޒޯން 2 ގައި ހިމެނޭ ބ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތާއެކު ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް، އެއަރޕޯޓް ގާއިމްކޮށްފައިވާ އެއް ރަށްތައްވެސް ހިމެނޭހެން ފަސޭހަކަމާއެކު ގުޅާލެވިގެންދާނެއެވެ.
އެހެން އަތޮޅުތަކެކޭވެސް އެއްގޮތަށް، ބ. އަތޮޅުގައިވެސް ފެރީގެ ޚިދުމަތް ފެށުމާ ގުޅިގެން، ފުރަތަމަ ހަފްތާގައި ކުރިއަށްދާނީ ރައްޔިތުންނަށް މި ޚިދުމަތަށް އަހުލުވެރިކުރުމަށް ހާއްސަކޮށްފައިވާ އަގު ނުނަގައި ކުރާ ދަތުރުތަކެކެވެ. މި ދަތުރުތައް ކުރިއަށްދާނީ 28 ޖުލައި 2025 އިން ފެށިގެން 03 އޮގަސްޓް 2025 ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ހުރިހާ ދުވަހަކުއެވެ.
މި ދަތުރުތައް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ، ކޮންމެ ރަށެއްގެ ރަށު ކައުންސިލްތަކުގެ އިދާރާތައް މެދުވެރިކޮށް ނަން ނޯޓް ކުރައްވައިގެންނެވެ. މީގެ އިތުރުން ކޮންމެ ރަށަކަށް ވަކި އަދަދަކަށް ޖާގަ ހާއްސަކުރެވިގެން ދަތުރުތައް ކުރިއަށްގެންދެވޭނެއެވެ.
ބ. އަތޮޅުގައި ކުރާ އާރް.ޓީ.އެލް ފެރީގެ ދަތުރުތަކަށް ކަނޑައަޅާފައިވާ އަގުތަށް މިހާރު ވަނީ ގެޒެޓްކޮށްފައެވެ. ޓިކެޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ކަސްޓަމަރުންނަށް، 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 01 ވަނަ ދުވަހުން ފެށިގެން، އާރް.ޓީ.އެލްގެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ބައްލަވައިގަތުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.
މި ޕްރޮޖެކްޓްގެ ދަށުން ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅު، ނ. އަތޮޅު އަދި ރ. އަތޮޅުގައި މިހާރުވެސް މި ޚިދުމަތް ފޯރުކޮށްދެމުންދާއިރު، ބ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު، ޒޯން 2 ގެ އަތޮޅުތެރޭގެ ހިދުމަތް ވަނީ ފުރިހަމަވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ޒޯން 2 ގައި ހިމެނޭ ހަތަރު އަތޮޅު ގުޅާލުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. ބ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު، މިހާރު ރާއްޖޭގެ ޖުމްލަ 11 އަތޮޅެއްގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ކުރިއަށްދާނެއެވެ.

