ޤައުމިއްޔަތު މާއްދާ ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމުގެ މުހިއްމުކަން ބޮޑުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އެފަދައިން ވިދާޅުވީ ސަންގުޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ރައީސް ޔާމީން ވިދާޅުވީ، ޤައުމިއްޔަތު މާއްދާ ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމާ ގުޅޭގޮތުން ސިޔާސީ ގޮތުން ދެކެވޭ ވާހަކަތަކަކީ ޣައިރު ޒިންމާދާރު ވާހަކަތަކެއް ކަމަށެވެ. އެގޮތުން ކޮންމެ ރައްޔިތަކީވެސް ޤައުމާމެދު ފަޚުރުވެރިވާ މީހަކަށް ވާން ޖެހޭނެކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެކަމުގައި އިސްތިސްނާއެއް ނުވާކަމަށެވެ.
މީގެ އިތުރުން، މި ކަންކަމުގައި ތަރުބިއްޔަތުވެސް މުހިއްމު ރޯލެއް އަދާކުރާކަން ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ޤައުމިއްޔަތު ކިޔަވައިދިނުމަކީ ޚުދުމުހުތާރު ޤައުމަކަށްވުމުގެ ސިފައެއް ނޫން ކަމަށާއި، އެއީ ޑިމޮކްރަޓިކް ނިޒާމުތަކުގައި ކުރެވޭނެކަމެއްކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުން ރައީސް ޔާމީން ވިދާޅުވީ، އިސްލާމް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަކީވެސް އެބީދައިން ލޭބަލް ކުރެވޭނެ ސަބަބެއް ނޫންކަމަށެވެ.
އެހެންކަމުން ޤައުމިއްޔަތު ކިޔަވައިދޭން ފެށުމުން އެއީ އުތުރު ކޮރެއާ ފަދަ ޤައުމުތަކުގައި ކަން ހިނގާ މަގުކަމަށް ބުނެ އެއްގޮތް ކުރުމަކީ ޣައިރު ޒިންމާދާރު ކަމެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ، ހަގީގަތުގައި އުތުރު ކޮރެއާ ފަދަ ޤައުމުތަކުގެ ތަޖުރިބާވެސް މުޅިން ތަފާތު ކަމަށެވެ. އެގޮތުން އެއީ ޒަމާންތަކެއް ވަންދެން ޑިމޮކްރަސީއެއް ނެތި ހިނގަމުންދާ ޤައުމެއްކަންވެސް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ހަގީގަތުގައި ޤައުމިއްޔަތު ކިޔަވައިދިނުމުގެ ބޭނުމަކީވެސް ކާބަފައިންގެ މަތިވެރި ޖިހާދުގެ އަގުވަޒަންކޮށް، މިނިވަންކަމުގެ ހަގީގީ މާނަ ވިސްނައިދިނުމަށްކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެއީ ވަރަށް ޣައިރު ޒިންމާދާރު ވާހަކައެއް އިނގޭތޯ، ކޮންމެ ރައްޔިތަކީވެސް ޤައުމުދެކެ ފަޚުރުވެރިވާ މީހަކަށް ވާންވާނެ
ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމުގެ އަސްލު ބޭނުމަކީ ރައީސް ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ”ހައްދުފަހަނައެޅި ގައުމިއްޔަތު“ގެ ފިކުރެއް ފެތުރުމަށްކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން ފާޑުކިޔާފައިވެއެވެ.
ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ގައުމިއްޔަތު މާއްދާ ކިޔަވައިދިނުމަށްޓަކައި ސަރުކާރުން ނިންމާފައިވަނީ، ގައުމިއްޔަތުގެ ރުކުންތަކާ ހަމަތަކަށް އިސްކަންދީ، ގައުމިއްޔަތައް ލޯބިކުރާ، ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމުގެ އިތުރުން، ގައުމިއްޔަތު ދިރުވާ އާލާކުރުމުގެ މަގްސަދުގައެވެ

