ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2025 ގައި ބައިވެރިވުމަށް ރަޖިސްޓަރވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައި ވަނީ ހާފް މެރެތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރު ކެޓެގަރީ އަދި 5 ކިލޯމީޓަރ ކޯޕަރޭޓް ޓީމް ކެޓެގަރީތަކުގެ ރަޖިސްޓްރޭޝަން ހުޅުވައިލައިފައެވެ. 5K، 10K އަދި ހާފް މެރެތަން ކެޓެގަރީތަކުގެ ރަޖިސްޓްރޭޝަން ހުޅުވައިލައިފައެވެ. ރަޖިސްޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް ވެބްސައިޓް (www.dmrr.mv) މެދުވެރިކޮށް މިހާރު ރަޖިސްޓަރ ކުރެވޭނެއެވެ.
ޑީއެމްއާރްއާރްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމުގެ އިވެންޓެވެ. މި ދުވުމުގެ 16ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޫބަރު 2025 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ރޭހަކީ ކޮންމެ އަހަރަކު ވެސް ވަނަވަނައަށް ދާ ދުވުންތެރިންނަށް ބޮޑެތި ފައިސާގެ އިނާމްތައް ލިބިގެންދާ ރޭހެކެވެ. މި ގޮތުން މި އަހަރުގެ ރޭހުގެ ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 280،000 ރުފިޔާ ދިނުމަށް ދިރާގުންވަނީ ނިންމާފައެވެ.
ޑީއެމްއާރްއާރް އަކީ ވޯރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މި ދުވުމުގެ އިވެންޓުގައި ސަރަހައްދީ ގައުމުތަކުގެ ދުވުންތެރިން ވެސް ބައިވެރިވެއެވެ.
އެހެން އަހަރުތަކާ އެއްފަދައިން، ޑީއެމްއާރްއާރް 2025 އަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ގޮތުން ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާތަކުން ރާވައިފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާ ގެ ފައިސާގެ އެހީތެރިކަން ދިރާގުން ދިނުމަށް ވަނީ ހަމަހެހިފައެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެންޑޯޒްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށް ވެސް ދިރާގުން ވަނީ ނިންމާފައެވެ.
ޑީ.އެމް.އާރް.އާރްގެ ރަޖިސްޓްރޭޝަން ދިރާގުން މިހާރުވަނީ ހުޅުވާލާފައެވެ. އަދި 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެން މި އިވެންޓްގައި ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެއެވެ.

