މި އަހަރުގެ ތެރޭގައި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެކަމަށް ލަފާކުރެވޭކަމަށް މަރުކަޒީ ބެންކުން ބުނެފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތުތަކުގައި ވަނީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރއަށް ވުރެ މި އަހަރުގެ ފުރަތަމަ ކުއާޓާރގައި ރާއްޖޭގެ އުފެއްދުންތެރިކަން 2.5 އިންސައްތައިން އިތުރުވެފައިވާކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ފަހު ކުއާޓާރ ނިމުނުއިރު އިގްތިސާދު ފުޅާވެގެންދާ މިންވަރާއި އަޅާބަލާއިރު މިއީ 1.9 އިންސައްތައިގެ އިތުރުވުމެއްކަމަށް ވެއެވެ.
އަހަރުގެ ފުރަތަމަ ކުއާޓާރގައި އުފެއްދުންތެރިކަން އިތުރުވުމަށް ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޕަބްލިކް އެޑްމިނިސްޓްރޭޝަން މަސައްކަތްތައް ފުޅާވެގެންދިއުމާއި ކޮންސްޓްރަކްޝަން މަސައްކަތްތައް އިތުރުވުން އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް އިތުރުވެގެންދިއުން ހިމެނެއެވެ.
ޢެމްއެމްއޭ ބުނީ ހޯލްސޭލާއި ރީޓެއިލް އަދި ރިއަލްއެސްޓޭޓް ދާއިރާއިންވެސް ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް މިއާއި ހިލާފަށް ޓްރާންސްޕޯޓާއި މުއާސަލާތީ ދާއިރާގެ އިތުރުން މަސްވެރިކަމުގެ ދާއިރާއިން ދަށްވުމެއް އައިކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން މި އަހަރުގެ މޭ މަހުގައި ކުރި އަންދާޒާތަކަށް ބަލާއިރު 4.5 އިންސައްތައިން އުފެއްދުންތެރިކަން އިތުރުވެގެންދިއުމަށް ލަފާކުރެވޭކަމަށް ފާހަގަކޮށް 5.6 އިންސައްތައިން އިތުރުވެގެންދިއުމުގެ ފުރުސަތު އޮތްކަން ހާމަކޮށްފައިވެއެވެ.

