ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މުހައްމަދު ޝަހީދު އައްޔަންކުރަން ހުއްޓުވަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.
ޝަހީދު ފަނޑިޔާރުކަމަށް އައްޔަންކުރުން ހުއްޓުވަން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަހުމަދު ނައުޝާދެވެ.
ނައުޝާދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ޝަހީދު ޕީއެންސީގެ މެންބަރެއްގެ ގޮތުގައި އަދިވެސް ދައްކާ ކަމަށާއި، ސިޔާސީ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅަކު އައްޔަންކޮށްގެން ނަޒާހަތްތެރިކަން ކަށަވަރެއް ނުކުރެވޭނެ ކަމަށެވެ.
ހަމައެއާއެކު، ހައި ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވައި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ހިމެނޭއިރު، ޝަހީދު އެ މަގާމަށް އައްޔަންކުރުމަކީ ޝަރުތު ހަމަވާ އެހެން ބޭފުޅުންނަށް ވެވޭ ބޭއިންސާފަކަށް ވާނެކަންވެސް ބަޔާން ކުރައްވާފައިވެއެވެ.
އެކަމާ ގުޅޭގޮތުން ”ސަންގަށް“ މައުލޫމާތު ދެއްވަމުން ނައުޝާދު ވިދާޅުވީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ފަނޑިޔާރުންގެ ޝަރުތުތައް ބަޔާންކޮށްފައިވާއިރު، ނަޒާހަތްތެރިކަމާއި، 5 އަހަރު ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުން ފަދަ ޝަރުތުތައް ހިމެނޭކަމަށެވެ.
އަދި ހަމައެއާއެކު، ފަނޑިޔާރުންގެ ޤާނޫނުގެ 15 ވަނަ މާއްދާގައިވެސް ޝަރުތުތައް ބަޔާންކޮށްފައިވާކަން ނައުޝާދު ފާހަގަ ކުރެއްވިއެވެ.
ނައުޝާދު ވިދާޅުވީ، ޝަހީދު 5 އަހަރު ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިނުވާ ކަމަށާއި، އޭނާއަކީ 2018 އިން ފެށިގެން ސިޔާސީ މަސައްކަތް ކުރަމުންދާ މީހެއް ކަމަށެވެ. އަދި އިސްތިއުފާ ދިނުމަށްފަހު ޖެހިގެން އަންނަ ދުވަހު ފަނޑިޔާރުކަމަށް އައްޔަނު ކުރެއްވުމަކީ ހަމަޖެހޭ އުސޫލެއްތޯ ނައުޝާދު ސުވާލު އުފެއްދެވިއެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު ޝަހީދު އެ މަޤާމު ދޫކޮށްލެއްވީ މިދިޔަ މަހުއެވެ.
ނައުޝާދު ވިދާޅުވީ، ވަގުތީ އަމުރަކަށް ހުށަހެޅީ މައުޟޫއީ މައްސަލައެއް ހުށަހަޅަން ގަސްތު ކުރާތީ އެއާމެދު ގޮތެއް ކަނޑައެޅެންދެން ހުވާކުރުން ފަސްކުރުން އެދިކަމަށެވެ. އަދި މިހާރު ސިވިލް ކޯޓުން ވަގުތީ އަމުރާ ގުޅޭ މައްސަލަ ބަލައިގެންފައިވާކަމަށް ނައުޝާދު ވިދާޅުވިއެވެ.
ނައުޝާދު ވިދާޅުވީ، ޝަރުއީ ނިޒާމުގެ ތެރޭގައި ތިބެންވާނީ ނަޒާހަތްތެރި މީހުންކަމަށެވެ.
ޝަހީދު އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިރޭއެވެ.

