ކުންފުނިން އެކި ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 490 މިލިއަން ރުފިޔާ މިޙާރު ދައްކާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަޑް މުހައްމަދު ނަޖާހު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމްގައި ނަޖާހު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވީއިރުވެސް ރައްޔިތުންގެ އިތުބާރު ކުންފުންޏަށް އޮތީ ގެއްލިފައި ކަމަށެވެ. އޭގެ ވަރަށް ބައިވަރި ސަބަބުތަކެއް ހުރި ކަމަށާއި، އެގޮތުން ނުއަގުގައި ބައެއް ޕްރޮޖެކްޓުތައް ލިބިފައި ހުރުމާއި، އަދި ހަވާލުކޮށްފައިވާ ވަރަށް ގިނަ ޕްރޮޖެކްޓުތަކެއް ހުއްޓިފައި ހުރުމާއި، އަދި ހުއްޓިފައި ހުރި ޕްރޮޖެކްޓުތަކަށް ކުރިއަށް ގެންދަން ބަލާލާއިރު ލިޔެކިޔުންތައް ނެތުންފަދަ އެތައް ކަމެއް ހިނގާފައިވާ ކަމަށް ނަޖާހު ވިދާޅުވިއެވެ.
ނަޖާހު ވިދާޅުވީ، ކުންފުންޏާއި ހަވާލުވީއިރު ކުރީގެ އެމްޑީވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ލިޔެކިޔުންތަކުން ފެންނަން ހުރި ކަމަށެވެ. އެގޮތުން ނަޖާހު ވިދާޅުވީ މަސައްކަތްތަކާއި ހަވާލުވެވަޑައިގަތުމަށްފަހު އުސޫލުތައް ހަރުދަނާ ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. މައްސަލަތައް ދިމާވި ފަރާތްތަކާއި އެކު މަޝްވަރާކޮށް، އެކަން ތަހުގީގު ކުރުމަށްފަހު އަޅަންޖެހޭ އެކިއެކި ފިޔަވަޅުތައް އަޅައި، މަދުވާ ލިޔެކިޔުންތަކެއް ހުރިނަމަ އެ ލިޔެކިޔުންތައް ހޯދުމަށް މަސައްކަތްތައްކޮށް، އަދި ލިޔެކިޔުން ނެތް ނަމަ ޕްރޮޖެކްޓުތައް ނުހިންގޭނެ ގޮތަށް ނިޒާމު ހަރުދަނާކޮށްފައިވާ ކަމަށެވެ.
”އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު އެކަހަލަ ވާހަކަތައް ވަރަށް މަދު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އޭގައިވެސް އަޅުގަނޑޫ ގަބޫލުކުރަނީ އެއީ ހެއްކެތް ކަމަށް ކޮންމެސްވަރަކަށް އަޅުގަނޑުމެންނަށް މިކަންކަން ހަރުދަނާކޮށް ރަނގަޅު ފިޔަވަޅުތަކެއް އެޅެމުންދާ ކަމުގެ. މިޙާރުވެސް އެބަ ގެންދަން ކުންފުނި އެލައިން ކުރުމުގެ މަސައްކަތް. ބިސްނަސް ޕްރެކްޓިސްއަށް އެލައިންކޮށް، އުސޫލުތައް ހަރުދަނާކޮށް އާއްމުކޮށް ވިޔަފާރތައް ކުރިއަށ ގެންދިއުމަށްޓަކައި ހުންނަން ޖެހޭ ނަމާއި އުސޫލުގެ ތެރެއިން ކޮންކަންތައްތަކެއްތޯ ނެތީ“
ނަޖާހު ވިދާޅުވީ، ތިން ޓިއަރ އަކަށް އޮޑިޓް ތަކެއްވެސް ގެންދާ ކަމަށާއި، އެގޮތުން ހެޑް އޮފީހުން ކުރާ އޮޑިޓްތަކެއް ހުންނާނެ ކަމަށާއި ބޯޑުން ކުރާ އޮޑިޓްތަކެއް ހުންނާނެ ކަމަށާއި އަދި އެކްސްޓާނަލް އޮޑިޓްތަކެއް ވެސް ހުންނާނެ ކަމަށެވެ.
ނަޖާހު ވިދާޅުވީ ކުންފުނީގައި 7.4 މިލިއަން ރުފިޔާގެ ދަރަނި ކުންފުނީގައި އޮތް ކަމަށާއި، މިވާހަކަތައް އެކި ފޯރަމްތަކުގައިވެސް ދެއްކިފައިވާ ކަމަށެވެ. ލޯނުގެ ގޮތުގައިވެސް 1.3 ބިލިއަން ރުފިޔާގެ ލޯނު އޮތް ކަމަށާއި، 3.5 ބިލިއަން ރުފިޔާ އެކިއެކި ސަޕްލަޔަރުންނަށްވެސް ކުންފުނިން ދައްކަން އޮތް ކަމަށް އެމްޑީ ވިދާޅުވިއެވެ.
ނަޖާހު ވިދާޅުވީ ސަރުކާރު ސިޔާސަތާއި އެއްގޮތަށް އާއްމު ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގެ މަސައްކަތްވެސް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން 490 މިލިއަން ރުފިޔާގެ ފައިސާ އެކިއެކި އާއްމު ވިޔަފާރިތަކަށް ދެއްކިފައިވާ ކަމަށާއި، މަސައްކަތާއި ހަވާޅުވުމަށްފަހު މިއީ 50 އިންސައްތައަށްވުރެ ބޮޑޫ އަދަދެއް ކަމަށް ނަޖާހު ވިދާޅުވިއެވެ. އަދި ލޯނުގެ ގޮތުގައި ވެސް 50 އިންސައްތަވެސް ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އަމާޒަކީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުންކަމަށް ވިދާޅުވިއެވެ.

