މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މަސްތުވާތަކެއްޗާއި ގުޅުންހުރި 1070 މައްސަލައެއް ހުށައެޅިފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.
ފުލުހުންގެ މުއައްސަސާއިން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ތެރޭގައި މިހާތަނަށް އެންމެ ގިނައިން ހުށައެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. މި ބާވަތުގެ 1833 މައްސަލައެއް ހުށައެޅިފައިވާކަން ހާމަކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ރެކޯޑުކުރެވިފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލައެވެ. އެ ބާވަތުގެ 1697 މައްސަލައެއް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެ މުއައްސަސާއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މުދާ ގެއްލިގެން ހުށައަޅާފައިވާ ގިނަ މައްސަލަތަކެއްވެސް ހުރިކަން ފާހަގަކުރެވެއެވެ. މިގޮތުން 532 މައްސަލައެއް ހުށައެޅިފައިވާކަމަށް މައުލޫމާތު ދީފައިވާއިރު މާރާމާރީގެ 341 މައްސަލައެއްވެސް ހުށައެޅިފައިވާކަން ހިއްސާކޮށްފައިވެއެވެ. ތަންތަނާއި މުދަލަށް ގެއްލުންދިނުމުގެ 326 މައްސަލައެއްވެސް މި މުއްދަތުގެ ތެރޭގައި ފުލުހުންގެ މުއައްސަސާއަށް ހުށައެޅިފައިވެއެވެ.
ނަކަލުކުރުމާއި ލިޔެކިއުން އޮޅުވާލުމުގެ 49 މައްސަލައެއް ހުށައެޅިފައިވާއިރު ހިޔާނާތްތެރިވުމުގެ 207 މައްސަލައެއްވެސް ފާހަގަކޮށްފައިވެއެވެ. އޮގަސްޓު މަހުގެ ނިޔަލަށް ޖިންސީ ކުށްތަކާއި ގުޅުންހުރި 138 މައްސަލައެއްވެސް ފުލުހުންގެ މުއައްސަސާއަށް ހުށައެޅިފައިވާއިރު ގެވެށި އަނިޔާގެ 182 މައްސަލައާއި ފޭރުމުގެ 133 މައްސަލައެއްވެސް ހިމެނޭކަމަށް މައުލޫމާތު ދީފައިވެއެވެ.

