ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅައިފައިވާ އިސްލާހާއި ދެކޮޅަށް، އަޑުއުފުލަން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގެ ކައުންސިލުތަކަށް ގޮވާލާކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ މި އިސްލާހާއި ދެކޮޅަށް އެމްޑީޕީގެ ބައެއް އިސް ލީޑަރުން ދަނީ ވާހަކަ ދައްކަވަމުންނެވެ.
ހޯމަ ޖަލްސާއަށް ފުރަތަމަ ކިއުން އިއްވުމަށް ތާވަލުކޮށްފައިވާ މި އިސްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އަހަރެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުގެ ދަށުން ނޫނީ ކުރިޔަށް ނުގެންދެވޭ ގޮތަށެވެ. އޭގެ ތެރޭގައި ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން އަދި ކައުންސިލްތަކުން އެކަހަށައެޅިފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން ހިމެނެ އެވެ.
އިސްލާހާއި ދެކޮޅަށް ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އެމްޑީޕީން ލާމަރުޒަކީ ނިޒާމު ވުޖޫދަށް ގެނައީ، ރާއްޖޭގައި ޒަމާނުއްސުރެ އޮތް މަރުކަޒީ ނިޒާމުގެ ސަބަބުން، ދިވެހި ރައްޔިތުން އަޅުވެތިކުރަމުން އައި އައުން ނިމުމަކަށް ގެނައުމަށް ކަމަށެވެ. އަދި، ރައްޔިތުންގެ މާލީ ފުދުންތެރިކަމާއި، ހިދުމަތްތަކާއި ވަސީލަތްތައް އެއްތަނަކަށް މަރުކަޒުކޮށް، ރައްޔިތުންގެ މައްޗަށް ނުހައްގު ބާރާއި ނުފޫޒު ފޯރުވުމުގެ ފުރުސަތު ގައުމުގެ ވެރިންނަށް ލިބުނަ ނުދިއުމަށްޓަކައި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، އެމްޑީޕީން ލާމަރުޒަކީ ނިޒާމު ގެނައުމުގެ ނިޔަތާއި ހިލާފަށް މި ސަރުކާރުން ހުށަހަޅައިފައިވާ، ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅައިފައިވާ އިސްލާހަކީ، ކައުންސިލުތަކުގެ މާލީ ތަނަވަސްތަކާއި ވަސީލަތްތައް އަލުން މަރުކަޒުކޮށް، ރައްޔިތުން އަޅުވެތިކުރުމަށް ފަރުމާކޮށްފައި އޮތް އިސްލާހެއް ކަމަށެވެ. އަދި މި އިސްލާހުގެ ސަބަބުން ފާއިތުވެދިޔަ މުއްދަތުގައި ކައުންސިލްތަކަށް ލިބިފައިވާ މާލީ މިނިވަންކަން ގެއްލި, ލާމަރުކަޒީ ނިޒާމު ބޮޑުތަނުން ފަހަތަށް ޖެހިގެންދާނެކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް، ސަރުކާރުން ހުށަހަޅައިފައިވާ އިސްލާހަށް، ދެކޮޅުކަން އެންގުމުގެ ގޮތުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގެ ކައުންސިލުތަކުން އަޑު އުފުލުމަށް ގޮވާލާކަމަށެވެ.

