ނ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވީ ކާމިޔާބު ދަތުރުފުޅެއްކަމަށާއި، އެމްޑީޕީގެ ސަރުކާރުގައި ރަށްތަކަށް އޮތީ އެއްވެސް މިންވަރަކަށް އަޅާނުލައި ދޫކޮށްލާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގުރާމުގައި ސައްތާރު ވިދާޅުވީ މިދިޔަ މަހުގެ ފަހުކޮޅު ނ. އަތޮޅުގެ ރަށްތަކަށް ރައީސް މުއިއްޒު ކުރެއްވީ ކާމިޔާބު ދަތުރެއް ކަމަށެވެ.
ސައްތާރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން، 2025 ވަނަ އަހަރަށް ސަރުކާރުގެ ބަޖެޓު ފާސްކުރިއިރު، އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ދެއްކި ވާހަކަތަކަކީ، ބެޖެޓުގައި ތަރައްގީއަށް ކުރެވޭ މަޝްރޫއުތަކުގެ ތަފްސީލެއް ހިމަނާފަނެތުމުގެ ވާހަކަތަކެވެ. ސައްތާރު ވިދާޅުވީ އެންމެ އަސާސީ ހިދުމަތުން ފެށިގެން، ރަށެއްގެ ފެންވަރުން ތަރައްގީ އަންނަން ރައްޔިތުން ބޭނުންވާކަމަށެވެ.
ސައްތާރު ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ރަށުގައި ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކޮށް، ކުރީ ސަރުކާރުން އިއުލާނުކޮށް ކުރިޔަށް ނުގެންގޮސް ހުރި ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް ފެށުންކަމަށެވެ. އަދި ރައީސް މުއިއްޒު އެ ރައްޔިތުންނަށްވެފައިވާ ވައުދުތައް ތަންފީޒުވުމަށް ބޭނުންވާކަމަށް ވިދާޅުވި އެވެ. ސައްތާރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އެދެނީ ތަރައްގީ ކަމަށެވެ.
ސައްތާރު ވިދާޅުވީ، 2025 ދެބައިވެގެން ދިޔައިރު ، ރައީސް މުއިއްޒު ވަނީ ނ. އަތޮޅުގެ ހުރިހާ ރަށްތަކަށް ދަތުރުކުރައްވައިފައި ިކަމަށެވެ، އަދި އެ ހުރިހާ ރަށެއްގެ ރައްޔިތުންނާއި ގާތުން މުހާތަބު ކުރައްވާ، އެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވިކަމަށެވެ.
ސައްތާރު ވިދާޅުވީ ރައީސް ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ފަހަތުގައިވާ އެއް މަގްސަދަކީ، ރައްޔިތުންގެ ހިޔާލު ހުރި ގޮތް ގާތުން އަޑު އެއްސެވުންކަމަށާއި، އެ ފަދައިން އަމަލުކުރުމުގެ ސަބަބުން އެ ރަށެއްގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި، އެ ރައްޔިތުން އެދޭ ކަންތައްތަކަކީ، ސީދާ، ރައީސްގެ އަރިހަށް އެ ކަންތައްތައް ގެނެސްދިނުންކަމަށް ސައްތާރު ވިދާޅުވިއެވެ.
އެހެންވީމަ ކުރިން އަޅުގަނޑު މި ދެންނެވި، ވާހަކަތައް ބަޖެޓުގަ، ކަންކަން ހިމަނާފަ ނެތޭ.. މީ.. ވަކި ވަކި ޕްރޮޖެކްޓުތަކުގެ ތަފްސީލު ނެތޭ ބުނެލާއިރުގަ، ރައީސްގެ މި ދަތުރުފުޅުގަ، އިއުލާންކުރެއްވި ކަންކަމާ، އަދި ނިންމާފަހުރި ބައެއް ކަންކަން.. މީ… ނިންމުމުގެ ހަފްލާ ފާހަގަކުރެއްވުމާއި މިކަހަލަ ކަންކަމަށް ބަލާލާއިރުގަ، އަޅުގަނޑުމެންނަށް އެންގިގެންދަނީ… ނުވަތަ އުންމީދުވެ.. އާވެގެންދަނީ.. ނ. އަތޮޅުގެ ގިނަ ރަށްރަށެއްގަ.. ވަރަށް ގިނަ ޕްރޮޖެކްޓުތަކެއް… ފެށުމަށްޓަކައި، މިވަނީ ތައްޔާރުވެފަ… އަދި ބައެއް ޕްރޮޖެކްޓުތައް ވަނީ ނިމިފަ… އަދި އަނެއްބައި… ޕްރޮޖެކްޓުތަކުގެ މަސައްކަތް ބާރަށް އެބަ ހިންގަމުންދޭ
ސައްތާރު ވިދާޅުވީ، ތަރައްގީގެ ޕްރޮޖެކްޓުތަކާއި ގުޅުވައި ސުވާލު އުފައްދާއިރު ރައްޔިތުންގެ އަސާސީ ކަންކަން ފުރިހަމަ ކުރުން އެމްޑީޕީ ބަލައި ނުގަންނަކަމަށެވެ. އެގޮތުން އޭޓީއެމްގެ ހިދުމަތާއި، ފުލުސް ސްޓޭޝަން އެޅުމަކީ އަދާއިގެ ކުދިކުދި ކަންތައްކަމަށް އެމްޑީޕީ ބުނާއިރު އެ ޕާޓީއަށް ލިބުނު ފަސް އަހަރުގެ ތެރޭގައި ރަށްތަކުގައި އެ ހިދުމަތްތައް ގާއިމު ނުކުރެވުނީ ކީއްވެގެން ތޯ ސައްތާރު ސުވާލު އުފެއްދި އެވެ.
ސައްތާރު ވިދާޅުވި ގޮތުގައި ކޮންމެ ރަށަކަށް ވެސް ކުރައްވާ ދަތުރުފުޅުގައި ރައީސް މުއިއްޒު އެކި މަޝްރޫއުތައް އިފްތިތާހުކޮށްދެއްވައި، އެކި މަޝްރޫއުތައް އިއުލާނު ކުރައްވާކަމަށެވެ. މިއީ ރައްޔިތުންނަށް ލިބިގެންދާ އުންމީދެއްކަމަށް ވެސް ސައްތާރު ވިދާޅުވި އެވެ.

