ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ އައްޔަނުކޮށްފި އެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލުމުން، އެ މަގާމަށް 18 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމީ ފަނޑިޔާރު ޖަމީލުގެ އިތުރުން މުހައްމަދު ޝަހީދު އައްޔަނު ކުރުމަށެވެ.
ޝަހީދު މި ސަރުކާރުގެ ސިޔާސީ މަގާމެއް ފުރުއްވާފައި ވާތީ، އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ނަން އަނބުރާ ގެންދެވީ އެވެ. ”ސަންގު“ އާއި ވާހަކަ ދައްކަވަމުން ޝަހީދު ވިދާޅުވީ ނަން އަނބުރާ ގެންދިއުމަށް ހުށަހެޅުއްވީ ނުބައި ގޯސް ތަސައްވުރެއް އުފެއްދުމަށް ޖާގަ ދިނުމަށް ބޭނުން ނުވާތީ ކަމަށެވެ.
އެހެންވެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ ޖަމީލް އެކަންޏެވެ.
ހައިކޯޓުގައި ހުސްވީ ދެ ފަނޑިޔާރުންގެ މަގާމުކަމަށް ވާތީ، ޖޭއެސްސީން ފަނޑިޔާރުކަމަށް ކުރިމަތިލުމަށް އިތުރު ފުރުސަތަކަށް ހުޅުވާލާނެކަމަށް ބެލެވެއެވެ.

