ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ބަލާއިރު ނަގަނީ ބޮޑު ޓެކްސްއެއް ނޫން، ގައުމު ހިންގޭނީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކައިގެން: ސަލީމް

އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ބަލާއިރު ނަގަނީ ބޮޑު ޓެކްސްއެއް ނޫންކަމަށާއި، ގައުމު ހިންގޭނީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކައިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ޓެކުހުގެ ކުށްތަކާއި ގުޅޭ އަދަބުތައް ބޮޑުކޮށް ސަރުކާރުން ހުށައެޅި ބިލު، ސަލީމް ފާހަގަކުރެއްވީ މުހިންމު ބިލެއްގެ ގޮތުގައެވެ. އެއީ ޓެކްސްގެ ފައިސާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ވަރަށް ބޮޑު އަދަދެއް ދައުލަތަށް ނުލިބި އޮންނާތީކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން 15 ބިލިއަނަށްވުރެ ގިނަ ފައިސާ ނުލިބިވާކަމަށް ސަލީމް ވިދާޅުވިއެވެ.

ޓެކްސް ދައްކާ މީހުން ޓެކްސް ދެއްކި ނަމަވެސް، މިކަމުގައި މަކަރުހަދާ އޮޅުވާލާ ގަސްތުގައި ޓެކްސް ނުދައްކާ ފަރާތްތައް އެބަތިބިކަމަށް ފާހަގަކޮށް ސަލީމް ވިދާޅުވީ މިކަމުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ އާމްދަނީގެ ވަރަށް ބޮޑު ބައި އުނިވެގެންދާކަމަށެވެ.

އޭގެ ނަތީޖާއަކީ ހަގީގަތުގައި ޓެކްސް ބިލު މި ތައާރަފު ކުރީ ވަރަށް މާތް މަގްސަދެއްގައި. އެހެން ނަމަވެސް އެ މާތް މަގްސަދު ހާސިލް ނުވަނީ ހަގީގަތުގައި ޓެކްސްއަށް މަކަރު ހަދާ މީހުން އިތުރުވުމާއި، އެ ޓެކްސް ބަރާބަރަށް ނުދެއްކުން.

ސަލީމް ވިދާޅުވިއެވެ.

ޓެކްސް ދައްކަން ޖެހޭ އުސޫލެއް ތައާރަފުކޮށްފައިވަނީ ވަރަށް މާތް މަގްސަދެއްގައި ނަމަވެސް، މަގްސަދު ހާސިލް ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ޓެކްސް ނުދައްކާތީކަމަށް ފާހަގަކޮށް ވިދާޅުވީ، މިކަމުގެ ސަބަބުން އުނދަގޫވާނީ ދައުލަތް ހިންގުމަށްކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު، ރާއްޖޭގައި ނަގަނީ ބޮޑު ޓެކްސްއެއްވެސް ނޫންކަމަށް ފާހަގަކޮށް ސަލީމް ވިދާޅުވީ އާމްދަނީގެ 50 އިންސައްތައިން ޓެކްސް ނަގާ ގައުމުތައް ދުނިޔޭގައި އެބަހުރިކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ޓެކްސް ނަގަނީ ގައުމަށް ފެތޭ ވަރަށްކަމަށެވެ.

ގައުމުގައި ދައްކަން ޖެހޭ ބޮޑެތި ދަރަނިތަކެއް އޮތްއިރު، ދައުލަތަށް ލިބެން ހުންނަ ފައިސާ ނުލިބޭނަމަ އެ ދަރަނި ދައްކާނީ ކޮންތާކުންތޯ ސަލީމް ސުވާލުއުފެއްދެވިއެވެ. ކުރިއަށް އޮތީ ދަތި ދުވަސްތަކެއްކަމަށާއި، އެހެންކަމުން ދައުލަތަށް ނުލިބި ހުންނަ އާމްދަނީގައި ޝާމިލުވާ މީހުންނަށް ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅަން ޖެހޭކަމަށް ވިދާޅުވިއެވެ.

ސަލީމް ވަނީ އޭނާއަކީވެސް ވިޔަފާރިވެރިއެއްކަން ފާހަގަކުރައްވާ، އޭނާ ފައިސާ ނުދައްކާކަމަށްވާނަމަ ހުދު އޭނާއަށްވެސް ފިޔަވަޅު އަޅަން ޖެހޭނެކަމަށް ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: