ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަ ވާހަކައާއި އެ މެމްބަރުންނަށް ލިބޭ އިނާޔަތްތައް ބޮޑުކުރަން ޖެހޭ ވާހަކައަކީ ދޭތެރެ ދޭތެރެއިން އެކި މެމްބަރުން ވިދާޅުވާ ވާހަކައެކެވެ. ނިމިދިޔަ 19 ވަނަ މަޖިލީހުގައިވެސް ބައެއް މެމްބަރުން އެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އެވްރެޖްކޮށް ސިވިލް ސާވަންޓުންނާއި އާންމު ދިވެހި ރައްޔިތުންނާ އަޅާބަލާއިރު މަޖިލިސް މެމްބަރަކަށް ލިބޭ މުސާރަ ނިސްބަތުން ބޮޑު ނަމަވެސް، އެ މުސާރައިން ދެކޮޅު ނުޖެހޭ ވާހަކައާއި ދިރިއުޅުމުގެ ޚަރަދުތަކާ ނުބައްދަލު ވާހަކަ އަނެއްކާވެސް މިވަނީ ފެންމަތިވެފައެވެ. އެގޮތުން މަސް ނިމިގެން ދާއިރު އެތައް ހަރަދުތަކެއް މެމްބަރުންވެސް ކުރަން ހުންނަ ކަމަށާއި އުޅުއްވަން ޖެހެނީ ނުތަނަވަސް ހާލަތެއްގައި ކަމަށް ދާދި ފަހުން މެމްބަރުންތަކެއް މިވަނީ ވިދާޅުވެފައެވެ. އަދި ދިރިއުޅެންވެސް ޖެހެނީ މާލޭގައި ނުވަތަ މާލޭ އޭރިއާގައި ކަމަށާއި، އެލަވެންސްގެ ގޮތުގައި ލިބޭ 20،000 ރުފިޔާއަކީ މާލެ ސަރަހައްދުގައި ކުއްޔަށް އުޅޭއިރު ކުޑަ އަދަދެއްކަމަށް ބައެއް މެމްބަރުން ވިދާޅުވެއެވެ.
ތެދެއްމެއެވެ. ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެއްޖެއެވެ. ކުއްޔާއި، އާންމު ދިރިއުޅުމަށް ބޭނުންކުރާ ތަކެތީގެ އަގާއި، ނުވިތާކަށް ޚިދުމަތުގެ އަގުވެސް ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ. އަތުފަތު ނުޖެހޭހާ ބާރު މިނެއްގައެވެ. އެއީ އަހަރުން އަހަރަށް އަންނަމުންދާ ބަދަލުތަކެކެވެ.
އެހެންނަމަވެސް މި ތަކުލީފަކީ ރައްޔިތުންގެ މަންދޫބުންކަމަށްވާ މަޖިލިސް މެމްބަރުންނަށްވުރެ ބޮޑަށް އާންމު ނިކަމެތި ރައްޔިތުން އުފުލަމުންދާ ތަކުލީފެކެވެ. އާންމުންގެ ދިރިއުޅުމުގެ ޙާލަތަށް ބަލާއިރު، އެ ކަންބޮޑުވުން ހިއްސާނުކުރާ ދިވެހި ރައްޔިތެއް މަދުވާނެއެވެ.
ލޯބޯ ފިއްސައިގެން މަސްވެރިކަން ކުރަމުންދާ މަސްވެރިއަކަށް ބަލާލިނަމަވެސް، ސްކޫލުގައި ބުރަކޮށް މަސައްކަތް ކުރާ ޓީޗަރަކަށް ނުވަތަ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހަކަށް ބަލާލިނަމަވެސް އެ ލިބޭ އާމްދަނީއަކީ މިއަދު ދިރިއުޅުމަށް ކުރާ ޚަރަދާ ބަލާއިރު ގިނަ ފަހަރު ނުބައްދަލު އާމްދަނީއެކެވެ.
ވަކިން ޚާއްސަކޮށް މަޖިލިސް މެމްބަރުންނާ ޚިލާފަށް މި ދެންނެވި އެކިއެކި ދާއިރާތަކުގައި ވަޒީފާތަކުގައި އަދި އާމްދަނީ ހޯދުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަކީ މުސާރައިގެ އިތުރުން މާ ބޮޑެތި އިނާޔަތްތަކެއްވެސް ލިބޭ ބައެއް ނޫނެވެ.
ދެން އޮތީ މަޖިލިސް މެމްބަރުންގެ ވާހަކައެކެވެ. ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ޒިންމާއަކީ ހަމައެކަނި މަޖިލީހުގެ ބައްދަލުވުމަށް ހާޒިރުވުމެއް ނޫނެވެ. ރައްޔިތުންގެ މަންދޫބުންގެ ޙައިސިއްޔަތުން ރައްޔިތުންގެ އަޑު އިއްވައިދިނުމާއި، ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކުގެ ޙައްލު ހޯދައިދިނުމާއި، އެ އިރެއްގައި އޮންނަ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ރައްޔިތުންނަށް ފަހިވާ އެކިއެކި ބިލުތައް މަޖިލީހަށް ހުށަހެޅުމާއި، ކޮމިޓީތަކުގައި ވަކާލާތު ކުރުމާއި މިހެންގޮސް އެތައް ކަމެކެވެ.
އެހެންނަމަވެސް އެންމެ ކުޑަ މިނުން މަޖިލީހުގައި ބަރާބަރަށް ވާހަކަ ދައްކަވާލައްވަނީ ކިތައް މެމްބަރުންބާއެވެ؟ ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތަކުގެ ބަހުސް ކުރިއަށްދާއިރު، އެ ބަހުސްގައި ބައިވެރިވެލައްވަނީ ކިތައް މެމްބަރުންބާއެވެ؟ އަހަރުގެ ހާޒިރީއަށް ބަލާއިރު، ޤަވާއިދުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވަނީ ކިތައް މެމްބަރުންބާއެވެ؟
އަޅުގަނޑަށް ފެންނަ ގޮތުގައި މަޖިލީހުގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިނުވެ، ނިސްބަތުން ބޮޑު މުސާރަ ނަންގަވާ މެމްބަރުން މަދެއް ނޫނެވެ. މިއީ ވަކި ދައުރެއްގެ ޙާލަތެއްވެސް ނޫނެވެ. ކޮންމެ މަޖިލީހަކުންވެސް ފެންނަމުންދާ މަންޒަރުތަކެވެ.
ރައްޔިތުން މެމްބަރުންނަށް ވޯޓު ދިނީ ވަރަށް ބޮޑު އިތުބާރެއް ކޮށްފައެވެ. 5000 ރައްޔިތުންގެ އަޑު އިއްވަން އެއް މެމްބަރަކަށް ބާރުދީ މަޖިލީހުގެ ގޮނޑި ހޯދައިދީފައިވަނީ ވަރަށް ބޮޑު ޒިންމާއަކާއެކުގައެވެ. ތަކެތީގެ އަގާއި ދިރިއުޅުމުގެ އަގު ބޮޑުވަމުންދާއިރު، އެކަމާ ގުޅިގެން މަޖިލިސް މެމްބަރުންނަށް ކުރިމަތިވާ ތަކުލީފުގެ އެތައް ގުނައެއް އާންމު އާދައިގެ ރައްޔިތުން އުފުލާނެކަން މިއީ ހަގީގަތެކެވެ.
އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި މިއަދު އުފައްދަން ޖެހޭ ސުވާލަކީ މަޖިލީހުގެ މެމްބަރުންނަށް ލިބެނީ އެކަށީގެންވާ މުސާރައެއްތޯ ނޫންތޯއެއް ނޫނެވެ. މިއަދު އުފައްދަންވީ ސުވާލަކީ މެމްބަރުން ކުރާ މަސައްކަތްތަކާ އަޅާބަލާއިރު، އެ މުސާރަ މެމްބަރުންނަށް ޙައްޤުވޭތޯ ނޫންތޯއެވެ؟

