ލާމަރުކަޒީ ގާނޫނު އޮތް ގޮތުން ރައްޔިތުންނަކަށް އެއްވެސް ފައިދާއެއް ނުވާކަމަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަހްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒް މިހެން ވިދާޅުވީ ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން އިންތިހާބުތަކާއި ދިމާކޮށް ކައުންސިލްތަކުގެ ބޭނުން ހިފާކަމުގެ ޝަކުވާތައް ގިނައީ ކީއްވެގެންތޯ ސުވާލުކުރުމުން މެންބަރު ވިދާޅުވީ، އެއީ ކައުންސިލްތަކަށް ލިބޭ އާމްދަނީގެ ބޭނުން ރަށަށް ފައިދާ ހުރި ގޮތަށް ނުހިފާތީކަމަށެވެ. އަދި އެ ފައިސާއިން ބޭރު ގައުމުތަކަށް ދަތުރު ކުރައްވާކަން ފާހަގަކުރެއްވިއެވެ.
ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ކަންކަން ކޮށް ނިންމާ ވިސްނުންވެސް ކައުންސިލްތަކުގެ އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. އިދިކޮޅު ކައުންސިލެއް އޮންނަކަމަށްވާނަމަ، އެބޭފުޅުން ބޭނުންވާ މަގާމުތަކަށް މީހުން ނަގާކަމަށް ރިޔާޒް ވިދާޅުވިއެވެ. މިއީ ވޯޓު ހޯދުމުގެ މަގްސަދުގައި ކުރާކަމެއްކަމަށް ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގެ ވޯޓަކީ އާންމުކޮށް ދިވެހިރާއްޖޭގެ ކަންކަން ހަމަޖެހިފައި އޮންނަ ގޮތުން، ގިނަ ފަހަރަށް މިދެނީ އާއިލާތަކަށް ވޯޓު.
އޭނާ ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ކައުންސިލް އިންތިހާބުގައި އާންމު ގޮތެއްގައި ވޯޓު ދޭއިރު، އިސްކުރަނީ ޕާޓީއަށްވުރެ، އާއިލީ ގުޅުންކަމަށެވެ. އެހެންކަމުން އާއިލާ މީހުންނަށް މަގާމު ބަހާ އުސޫލުވެސް އޮންނަކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާޒް ވިދާޅުވީ، މިހެން ހުންނަ ކަންތައްތަކުގެ ފައިދާ ނަގަނީ އިދިކޮޅު ކައުންސިލްތަކުންކަމަށެވެ. ރަށްތަކުން ބިން ދޫކުރާއިރުވެސް، ކަންކަން ދަނީ ވަރަށް ބޭއިންސާފުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ގިނަ ރައްޔިތުންނަށް ކައުންސިލްތަކުގެ ފަރާތުން ފައިދާއެއްނުވާކަމަށް ފާހަގަކޮށް ރިޔާޒް ވިދާޅުވީ، ނަމަވެސް މި ސަރުކާރުން ގާނޫނަށް ގެންނަ އިސްލާހާއިއެކު ތަފާތު ފެންނާނެކަމަށެވެ. މިއީ ގައުމުގައި ހުއްޓުވަން ޖެހިފައި ހުރި ވަރަށް ގިނަ ކަންތައްތައް ހުއްޓުވުމަށް މަގުފަހިވާނެ އިސްލާހެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރިޔާޒް އެ ފާހަގަކުރެއްވި އިސްލާހު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ މިއަދު ތަސްދީގުކުރައްވާފައެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ފޮނުވުމުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ލާމަރުކަޒީ ގާނޫނުގެ ދަށޫން ކައުންސިލުތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނުތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމުގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލުތަކަށް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖާކުރުން ހިމެނެއެވެ. މި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައްވެސް ބަޔާންކުރެވިފައިވެއެވެ.
މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތުގައި ވަކި ޝަރުޠުތަކެއް ފުރިހަމަވާންޖެހޭނެއެވެ. އަދި އެ ޝަރުތުތައް ހަމަނުވާ ނަަމަ މިހާރު ހިންގަމުންދާ އެފަދަ ވިޔަފާރިތައް ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ހުއްޓާލަންޖެހޭނެއެވެ.
ރައްޔިތުންނަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކަށް މުހިންމު ހައްލުތަކެއްވެސް ގެނެސްދީފައިވެއެވެ. މިގޮތުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ ޢިމާރާތްތަކުން، ކައުންސިލްތަކަށް ކުއްޔެއް ނުނެގޭނެކަމަށް ބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

