ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލްސާތައް ނިންމޭތީ އެކަން ފާހަގަކުރާ ގޮތަށް، މަސައްކަތް ގިނަ ވަގުތު ކުރާ ވާހަކަ ވެސް ދައްކަން ޖެހޭ: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ބިލްތައް އަވަސްއަރުވާލައިގެން ފާސްކުރާކަމަށް ބުނެ އަމާޒުވާ ފާޑުކިއުންތަކަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އަނެއްކާވެސް ރައްދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ފަހަކަށް އައިސް އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ ތަޅުމުގައި ރަނގަޅު މަސައްކަތެއް ނުކުރެވި ކޮންމެ ދުވަހެއްގެ ޖަލްސާތައް ވެސް ނިންމާލުމެވެ. އެގޮތުން އާންމު ގޮތެއްގައި 13:30 ގައި ނިމޭ ޖަލްސާތައް މިހާރު 09:00 ގައި ފަށައި 10:30 އަށް ނިންމާލަނީ، ކޮމިޓީގެ މަސައްކަތްތަކަށް ޖާގަ ދިނުމަށްކަމަށް ބުނެ އެވެ.

އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރާ ގޮތުން ވަގުތުގެ މައްސަލަތައް މިގޮތަށް ދިމާވަނީ، ސަރުކާރުން ފޮނުވާ ބިލުތައް ރަނގަޅަށް ދިރާސާ ނުކޮށް އަވަސް އަރުވާލައި ފާސްކުރުމެވެ. އަދި މަޖިލީހަށް ހުށަހަޅާނެކަމަށް ސަރުކާރުން އިއުލާނު ކުރި ގިނަ ބިލުތައް މަޖިލީހަށް ފޮނުވާފައި ނުވާކަމަށް ގިނަ މެމްބަރުން ވަނީ ބުނެފަ އެވެ.

އެ ތުހުމަތުތަކަށް ސަރުކާރުގެ މެމްބަރުން ބުނަމުން ދަނީ، ވަގުތު ބޭކާރުކޮށް ބިލުތަކަށް ހުސް ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނެތްކަމަށެވެ. އަދި މަޝްވަރާކޮށް ބަހުސް ކުރަން ޖެހޭ ބިލުތަކަށް އެ ފުރުސަތު ދޭކަމަށް ވަނީ ބުނެފަ އެވެ.

މި ފާޑުކިއުންތަކަށް ފަލާހު ވިދާޅުވީ، މިހާރުގެ މަޖިލީހަކީ ”ހިދުމަތްތެރި މަޖިލީހެއް“ ކަމަށާއި، ބިލުތައް ފާސްކުރަނީ އަވަސްއަރުވާލައިގެން ނޫން ކަމަށެވެ. އަދި 20 ވަނަ މަޖިލީހުން ކޮންމެ ބިލެއް ވެސް ފާސްކުރުމުގެ ކުރިޔަށް، ރައްޔިތުންނާއި ކަމާގުޅުންހުރި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދާކަމަށް ފަލާހު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން މަޖިލީހަށް ހުށަހަޅާ އެއްެވެސް ބިލެއްގައި ރައްޔިތުން ދެކޭ ގޮތަކީ ކޮބައިތޯ ބަލައި، އެއާއި އެއްގޮތަށް ނިންމުންތައް ނިންމާފައި ނުވެއެވެ.

ޗުއްޓީއަށް ދާންޖެހޭ ދައުރު ވަގުތު އިތުރަށް ދަންމައިގެން މަޖިލީހުން ބައެއް ބިލުތައް ފާސްކުރާ ކަމަށް ބުނެ އަންނަ ފާޑުކިއުންތަކަށް ރައްދުދެއްވަމުން ފަލާހު ވިދާޅުވީ، އެއީ ހަގީގަތެއް ނޫން ކަމަށެވެ. ފަލާހު ވަކިވަކިން ފާހަގަކުރެއްވި ބިލުތަކުގެ ތެރޭގައި ގާނޫނުލްއުޤޫބާތުގެ ބިލަށް ހުށަހަޅާފައިވާ އިސްލާހުތައް އަދި ގެދޮރުވެރިކަމާ ބެހޭ ބިލުތައް ހިމެނެއެވެ. މިފަދަ ބޮޑެތި ބިލުތަކަކީ މަޖިލީހަށް ލިބުމުން ކޮމިޓީތަކަށް ފޮނުވައި، ކޮމިޓީ މަރުހަލާގައި ރަނގަޅަށް މަޝްވަރާކޮށް، ކަމާގުޅުންހުރި އިދާރާތަކާއި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދައިގެން، އިސްލާހު ކުރެވޭ ބިލުތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ، މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ވެސް ކޮމިޓީގައި ވަރަށް ގިނަ ދުވަސްވެފައިވާ، އަދި ރައްޔިތުންނަށް ވަރަށް މުހިންމު ބިލެއް ކަމަށެވެ. މިހުރިހާ މަސައްކަތެއްވެސް މަޖިލީހުން ކުރަމުންދަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ރޫހުގައި ކަމަށް ފަލާހު ވިދާޅުވި އެވެ.

މަޖިލީހުގެ ތަޅުމުގައި ހޭދަކުރާ ވަގުތު ކުޑަކަމަށް ބުނެ ފާޑުކިއުން އަމާޒު ކުރި ނަމަވެސް ކޮމިޓީތަކުގައި ގިނަ ވަގުތު ހޭދަކޮށް، މަސައްކަތް ކުރަމުންދާކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޖިލީހުގެ ބައްދަލުވުންތައް ގިނައިން އޮންނަނީ މެންދުރުފަހު 1:30 ގައި ނިންމާގޮތަށް ނަމަވެސް، ކޮމިޓީ ބައްދަލުވުންތައް ރޭގަނޑު 11:30 އަށް ހަމަޔަށް ކުރިޔަށްދާކަމަށެވެ.

ފަލާހު ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންނަށް ވަރަށް މުހިންމު ބިލްތަކާއި ކަންކަން މިއަދު ނިންމަން ޖެހިފައިވީ ނަމަވެސް، ކޮމިޓީތަކަށް ގެނެސްގެން ހަމަ ވަރަށް ގިނަ ވަގުތު ނަގާ އެބަ ހުއްޓެވެ. އެގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ކޮމިޓީތަކުގައި މަސައްކަތްތައް މަޑުޖެހިފައި ހުރިިކަމަށް ބުނާއިރު ކަމުގެ ހަގީގަތް ބަލާލުން މުހިންމުކަމަށް ފަލާހު ވިދާޅުވި އެވެ.

މީގެއިތުރުން ފަލާހު ވަނީ އަވަހަށް މަޖިލީހުގެ ޖަލްސާއެއް ނިންމާލުމުން، އެކަން މީޑިއާތަކުން ރިޕޯޓު ކުރާތީ ވެސް ފާޑުވިދާޅުވެފަ އެވެ. މަސައްކަތެއް ނެތިގެން ޖަލްސާއެއް ނިންމާލިކަމަށް ނޫސްތަކުގައި ލިޔާއިރު، ކޮމިޓީ މަސައްކަތްތައް ގިނަ ވަގުތު ކުރިޔަށް ގެންގޮސް މެމްބަރުން އެކަމުގައި ވަގުތު ހޭދަކުރާނަމަ އެކަން ވެސް ރިޕޯޓު ކުރުމަށް ފަލާހު ގޮވާލި އެވެ.

އެހެންވީމާ، ހަގީގަތުގައި، މަޖިލިސް ނިންމައިލާ ދުވަހެއްގެ ވާހަކަ އެކަންޏެއް ނޫން ނޫސްތަކުގައި ލިޔަންވީ

ލެޖިސްލޭޓިވް އެޖެންޑާއާއި އެއްގޮތަށް ބިލުތައް ނުފޮނުވާތީ އެމްޑީޕީ މެމްބަރު ބަންޑާރަ ނައިބު އަހުމަދު އުޝާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަ އެވެ. އަދި އެއް ގާނޫނަކަށް އެކި ފަހަރު މަތީން އިސްލާހު ހުށަހަޅާތީ، އެކަމަށް ވެސް މެމްބަރުން ވަނީ ފާޑުކިޔާފަ އެވެ.

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދަޅުވީ، ސިޔާސީ ގޮތުން ކިތަންމެ ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް މަޖިލިސް ތަޅުމުގައި އޮޅުން އަރާ ގޮތަށް އަދި މެމްބަރުންގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުން ރަނގަޅެއް ނޫންކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ޖަލްސާ 10:30 ގައި ނިމިގެންދާއިރު މަޖިލީހުގެ ކޮމިޓީތައް ކުރިޔަށްދާކަމަށެވެ. އަދި ހަގީގަތަކީ އެއީކަމަށް ވިދާޅުވެ ކޮމިޓީގެ މަސައްކަތްތަކުގެ ތާވަލުތައް ބެއްލެވުމަށް އެދިވަޑައިގަތެވެ.

އަބްދުއްރަހީމް ވިދާޅުވީ ކޮމިޓީއަށް ދާންޖެހޭ މެމްބަރުން މެންދުރު ވަގުތާއި ހަމައަށް މަޖިލީހުގައި އުޅުއްވާކަމަށެވެ. އަދި ގިނަ މަސައްކަތްތައް ކުރިޔަށް ދަނީ ކޮމިޓީގައިކަން ހުރިހާ މެމްބަރުން ވެސް އިއްތިފާގުވާނެކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެ މަސައްކަތްތައް ކޮންމެ ދުވަހަކު ވެސް ކުރިޔަށްދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: