ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ބައްދަލުކުރައްވަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ މެންބަރުންތަކެއް ގާނާ ވަޑައިގެންފައެވެ.
އެމްޑީޕީއާއި ވަކިވެވަޑައިގެން ތިން އަހަރު ހުންނެވުމަށް ފަހު، ޕާޓީއާއި ގުޅިވަޑައިގެން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. 2028 ގެ ރިޔާސީ އިންތިހާބުގެ ޝައުގުވެރިކަން ވެސް ގެންގުޅުއްވާ ރައީސް ނަޝީދު އެމްޑީޕީއާއި ގުޅިވަޑައިގެންފައި ވަނީ ރިޔާސީ ވާދަވެރިކަމުގެ ސަބަބުން އަނެއްކާވެސް ޕާޓީގައި ނުތަނަވަސްކަން އުފެދިފައިވާ ވަގުތެއްގަ އެވެ.
ރައީސް ނަޝީދު އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ފަހުން، ފައްޔާޒް ރައީސް ނަޝީދާއި ގާތުން މަސައްކަތް ކުރައްވާކަން ފާހަގަކުރެވެ އެވެ. އަދި އެކަމަށް ޕާޓީގެ އެހެން ބައެއް ފެކްޝަންތަކުން ނުރުހުންވާކަމަށް މައުލޫމާތު ލިބެ އެވެ. ރައީސް ނަޝީދާއި ބައްދަލު ކުރުމަށް ފައްޔާޒާއި އެކު ގާނާއަށް ދެން ވަޑައިގެންފައި ވަނީ އެމަނިކުފާނާއި އަރިސް މެމްބަރުންނެވެ.
ގާނާއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް އާއި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އަދި އެ ޕާޓީ ޕީޖީގެ ކުރީގެ ލީޑަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް ނަޝީދު ދިރިއުޅުއްވަމުން ގެންދަވަނީ ގާނާގައެވެ. ރައީސް ނަޝީދު މިވަގުތު ހުންނެވީ ތިމާވެށީގެ ޖަމިއްޔާއެއް ކަމައްވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައެވެ.
ގާނާގައި އެމްޑީޕީގެ މެންބަރުން ރައީސް ނަޝީދާއި ބައްދަލުކުރެއްވި ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މީގެ ތެރޭގައި މި ބޭފުޅުން ކެއުމަށް ތައްޔާރުވެ ތިއްބަވާ ފޮޓޯއެއްވެސް ހިމެނެއެވެ.
ރައީސް ނަޝީދުގެ އިތުރުން ފައްޔާޒް ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން އިއުލާނު ކުރައްވާފަ އެވެ.

