ބިއޯންޑު އެއާލަންސްއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުން ހިދުމަތް ދިނުމަށްޓަކައި ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ހާމަކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ އެއާޕޯޓު ހުޅުވިގެން ދިޔައީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ޖުލައި 26ގައެވެ. އެގޮތުން، މި އެއާޕޯޓުގެ އައު ޓާމިނަލު ހުޅުވުމުގެ ކުރިން އަދި ހުޅުވުމަށް ފަހުވެސް، އޮރާޓް ޕްރޮސެސް ފުރިހަމަ ކުރަން ޖެހެއެވެ. އޮރާޓް ޕްރޮސެސް ނުވަތަ އޮޕަރޭޝަނަލް ރެޑީނެސް އެންޑު އެއާޕޯޓް ޓްރާންސްފާ (އޮރާޓް) އަކީ އެއާޕޯޓެއް ނުވަތަ ޓާމިނަލެއް ހުޅުވުމުގެ ކުރިން، އެތަނެއްގެ ހިދުމަތްތަކާއި ޕްރޮސީޖަރތައް ދުރާލާ ތައްޔާރުކުރުމާއި، އިކުއިޕްމަންޓު އަދި މެޝިނަރީސް ޓެސްޓުކުރުމުގެ އިތުރުން އެތަނުގައި ހަރަކާތްތެރިވާ އިންސާނީ ވަސީލަތްތައް ތަމްރީނުކުރުމެވެ. އެގޮތުން، އޮރާޓްސްއަކީ އެކި މަރުހަލާތަކަކަށް ބަހާލައިގެން، އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ކަމެކެވެ. މިވަގުތުގައި، އެ އާޕޯޓުން ކުރިއަށް ގެންދަނީ، އޮރާޓްގެ ފަސް ވަނަ މަރުހަލާއެވެ.
މި މަރުހަލާގައި، ޓާމިނަލް ބޭނުންކުރަން ފަށާނެއެވެ. އެގޮތުން، މި މަރުހަލާގައި، އާންމު ހާލަތުގައި އައު ޓާމިނަލް ފްލައިޓުތަކާއި ފަސިންޖަރުންނަށް ހުޅުވާލެވިގެންދާނެއެވެ. އަދި ރޭވުންތެރިކަމާއިއެކު ފަހަރުކު އެއާލައިނެއްގެ އިންޓަނޭޝަނަލް އޮޕަރޭޝަން އާ ޓާމިނަލްއަށް މި މަރުހަލާގައި ބަދަލުކުރެވިގެންދާއިރު، އެ އެއަރލައިންތައް މަޑުމަޑުން އިތުރުކުރަމުން އައިސް ބައިނަލްއަގްވާމީ ހުރިޙާ އެއާލައިންތަކުގެ އޮޕަރޭޝަން އައު ޓާމިނަލްއަށް ބަދަލުކުރެވިގެންދާނެއެވެ.
ޓާމިނަލް 1 އަށް އެންމެ ފުރަތަމަ އޮޕަރޭޝަންތައް ބަދަލުކުރީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއެވެ. އަދި ޓާމިނަލް 1 އަށް މި މަހުގެ ތެރޭގައި އިތުރު ހަތް އެއާލައިނެއް ބަދަލުކުރަން ވަނީ ނިންމައިފައިވާއިރު، ވީއައިއޭގެ އައު ޓާމިނަލުގައި ދާދިފަހުން ހިދުމަތް ދޭން ފެށި، އެއާ އަރަބިއާ އެއާލައިންސްއަކީ، މި ޓާމިނަލުން، ބައިނަލްއަގްވާމީ އެއާލައިނަކަށް ހިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.
މީގެއިތުރުން، އޮރާޓް ޕްރޮސެސްގެ ތެރެއިން، ވީއައިއޭގެ ޓާމިނަލް 1 އަށް އިތުރު ބައިނަލްއަގްވާމީ އެއާލައިނަކަށް ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން، އެ އެއާލައިނަށް ހިދުމަތް ދިނުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތަކުގެ ތެރޭގައި، ވީއައިއޭގެ އައު ޓާމިނަލުގައި ގާއިމުކުރެވުނު ޒަމާނީ ޓެކްނޮލޮޖީގެ އާލާތެއްކަމަށްވާ، އެޑްވާންސްޑު ވިޝުއަލް ޑޮކިންގ ގައިޑެންސް ސިސްޓަމްއިން، ބިއޯންޑުގެ ޑާކު-ލިވެރީޑް އޭ- 319 މެދުވެރިކޮށް ވަނީ ޓެސްޓުކޮށްފައިކަމަށް އެމްއޭސީއެލްއިން ހާމަކުރިއެވެ. މި ޓެސްޓުގެ މައިގަނޑު އަމާޒަކީ، ބިއޯންޑުގެ ފްލައިޓުގެ ކަޅު ކުލައިގެ ލިވެރީ، އޭޑީބީ ސޭފް ގޭޓުގެ އެޑްވާންސްޑު ވިޝުއަލް ޑޮކިންގ ގައިޑެންސް ސިސްޓައިން ދެނެގަނެވޭތޯ، ޓެސްޓުކުރުމަށްޓަކައެވެ.
އެމްއޭސީއެލްއިން ފަހަރަކު އެއާލައިނެއް، ޓާމިނަލު 1 އަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު، އައު ޓަރމިނަލަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ އެއަރލައިންތަކުގެ ތެރޭގައި ޗޮންޖިން އެއާލައިންސް، ޒިއަމެން އެއާ، އޮމާން އެއާ، ފިޓްސް އޭވިއޭޝަން، ޔޫއެސް ބަންގްލާ އެއާލައިންސް، ބެންކޮކް އެއާވޭސް އަދި ބެޓިކް އެއާވޭސް ހިމެނެއެވެ. މި އެއަރލައިންތަކުގެ އޮޕަރޭޝަންތައް މި މަހުގެ ތެރޭގައި އައު ޓަރމިނަލަށް ބަދަލުކުރުމަށް ވަނީ ރޭވިފައެވެ.

