ލާމަރުކަޒީ ނިޒާމާ ބެހޭގޮތުން ނުރަނގަޅު ވިސްނުން ޕްރޮމޯޓުކުރުމަށް ސަރުކާރާ ވާދަވެރި ފަރާތްތަކުން މަސައްކަތް ކުރާކަން ފާހަގަ ކުރެވޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް އެފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ގޮތުން ހިންގުމުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކާ ގުޅޭގޮތުން ނެރުއްވި ބަޔާނެއްގައެވެ.
ޤާސިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ދަށުން ރާއްޖެ ހިންގަމުންދާތާ 14 ވަރަކަށް އަހަރުވެފައިވާއިރު، މި ޤާނޫނާއެކު ފެޑެރަލް ވިސްނުން ބައެއް ފަރާތްތަކަށް އަންނަމުންދާކަމަކީވެސް ޙަޤީޤަތެއް ކަމަށެވެ. ވަކިން ޚާއްސަކޮށް، ސަރުކާރާ އިދިކޮޅަށް އޮންނަ ޕާޓީތަކުން އެފަދަ ވާހަކަތައް ޕްރޮމޯޓު ކުރާކަންވެސް ފާހަގަ ކުރެވޭކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވަނީ ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކަށް ތާއީދު ކުރައްވައި ރައީސް ޑރ މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަތައް އޭނާއަށްވެސް ޤަބޫލު ކުރެވޭކަން ހާމަ ކުރައްވާފައެވެ.
ޤާސިމް ވަނީ މި އިސްލާޙުތަކުގެ މުހިއްމުކަމުގެ ބައެއް މިސާލުތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޤާސިމް ވިދާޅުވީ، މިސާލަކަށް ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ. އަދި އެއީ ނާޖާއިޒު ފައިދާ ނެގުންކަމަށްވެސް ޤާސިމް ސިފަ ކުރެއްވިއެވެ.
ހަމައެއާއެކު، އަންނަ ދައުރަކަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަން ނުދޭ މިންވަރަށް އިތުރު މަޤާމުތައް އުފެއްދުމުގެ ބާރު ޤާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ، މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ 2026 ވަނަ އަހަރުގެ މެއި މަހަށް ހަމަވާނެ ކަމަށާއި، އެހެންކަމުން ދައުރުގެ ބާކީ ދެން އޮތީ ގާތްގަނޑަކަށް 10 މަސް ކަމަށެވެ. އެހެންކަމުން ކައުންސިލުތަކުން އިޚުލާސްތެރިވާން ޖެހޭނީ ޤާނޫނުއަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށްކަން ޤާސިމް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، މި އިސްލާޙުގެ ސަބަބުން ހަގީގަތުގައި ފައިދާވަނީ ސަރުކާރަކަށް ނޫން ކަމަށާއި، އިސްލާޙުގެ ހަގީގީ ފައިދާ ކުރަނީ ރައްޔިތުންނަށްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

