ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒުއަށް ވަނީ ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރާއި ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރަކީ، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ވަރުގަދަގުޅުން ދައްކުވައިދޭ ރަމްޒެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒް ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސް އަދި ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ތުރުކީން ރާއްޖެއަށް ހަދިޔާކުރީ TCG Volkan (P-343) ނަމަކަށް ކިޔާ އަސްކަރީ މަނަވަރެކެވެ. އެއީ ތުރުކީ ނޭވީއަށް 1981ވަނަ އަހަރުގެ މޭ މަހު ޚިދުމަތަށް ނެރުނު ބޯޓެކެވެ. މި ބޯޓަށް މިދިޔަ އަހަރު 43 އަހަރު ވުމާއެކު ވަނީ ޓެސްޓުތައް ހެދުމަށާއި، ޓްރެއިނިންތަކަށް ބޭނުންކުރާ އުޅަނދަކަށް ބަދަލުކޮށްފައެވެ. މި މަނަވަރަށް ދީފައިވާ ނަމަކީ ”ދަރުމަވަންތަ“ އެވެ. އަދި މި މަނަވަރު ބަލަހައްޓާނީ ދިވެހި އަސްކަރިއްޔާއިން ކަމަށްވެސް މަނަވަރު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވަނީ ވިދާޅުވެފައެވެ.

