ލާމަރުކަޒީ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހާއި އެކު ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު އޮންނާނީ ޕެރެލައިޒްވެފައި ކަމަށް ރައްޔިތުންގެ އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ނާޒިލް ވިދާޅުވީ ގްރާންޓް ފޯމިއުލާގެ ތެރެއިން ބެހިގެން އައިއިރު އެންމެ އެކަށީގެން ވާ އަދަދަށް ބުލިބޭ ރަށްރަށް ހުރި ކަމަށެވެ. ނިސްބަތުން އެ ރަށްރަށަށް ލިބޭވަރު މަދު ކަމަށާއި، އެއީ އަތޮޅާއި އަދި އަބާދީއާއި އެފަދަ ކަންކަން ކަމަށް ބެލުމަށް ފަހު ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ.
ނާޒިލް ވިދާޅުވީ ރިޔާސީ އިންތިހާބު ފެށުމުގެ ކުރިން 2024ގެ ބަޖެޓުގައި މަދުން ލިބޭ ރަށްރަށަށް ގްރާންޓް އިތުރު ކުރެވޭނެ ގޮތެއް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބައްލަވާފައިވާ ކަމަށެވެ. ނާޒިލް ވިދާޅުވީ ކައުންސިލްތައް ބާރުވެރި ކުރުވޭނީ ގާނޫނޫނަށް ކޮންކަހަލަ ބަދަލުތަކެއް ގެނެސްގެންތޯ ބައްލަވާފައިވަ ކަމަށެވެ.
”އަޅުގަނޑުހަމަ އަބަދުވެސް ގަބޫލުކުރާ ހަގީގަތަކީ ކައުންސިލްތަކަށް ބޭނުންވާ، ކައުންސިލްތައް ހިންގަން ބޭނުންވާ ރަނގަޅު ކޮލިޓީ މީހުން ލިބޭނެއޭ ކައުންސިލްތަކަށް މިބުނާ ބާރުވެރިކަން ދިނީމައި. އޭގެތެރޭގައި މާލީ ބާރުވެރިކަމާއި އިދާރީ ބާރުވެރިކަން. އެ އޮންނަ މުއްދަތު. މި ތިން ކަމެއް އައީމަ ކައުންސިލްތައް ހިންގާނެ ރަނގަޅު ހަރުދަނާ މީހުން ލިބޭނެ“
މި ފަހުން ލާމަރުކަޒީ ގާނޫނަށް ގެނެއި އިސްލާހާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ 5 އަހަރުގެ ދައުރެއް ކައުންސިލްތަކަށް ލިބޭއިރު، އެކަން ލޮކު ކުރެވިގެން ދާ ކަމަށެވެ. މީގެއިތުރަށް ބިލު މަޖިލީހަށް ހުށައެޅުނުތާ ދެވަނަ ދުވަހު ބިލު ފާސް ކުރެވިގެން ދިޔަ ކަމަށާއި، ރައީސް ތަސްދީގު ކުރުމާއި ހަމައަށް ދިޔައީ 3 ދުވަސް ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ ކައުންސިލްގެ ދައުރު ހަމަވާން ބާކީ އޮންނަ 365 ދުވަސް ނުވަތަ އެންމެ ފަހު އަހަރު ގިނަ ކަންތައްތަކެއް ނުކުރެވޭ ގޮތަށް ލޮކު ކުރެވިފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުން ނަމަ ކައުންސިލްގެ ފަހު އަހަރު އޮންނާނީ ޕެރެލައިޒް ވެފައި ކަމަށެވެ.

