މެގަވޮޓްގެ ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމު ގާއިމުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިއުލާނުކޮށްފިއެވެ.
މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވައިރަމެންޓުގެ އެދުމުގެ މަތިންނެވެ. އަދި މި މަސައްކަތްތައް ކުރިއަށް ގެންދެވޭނީ އިކޮނޮމިކް މިނިސްޓްރީގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި މަޝްރޫއުގެ ބީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުން، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 1،500 ރުފިޔާގެ ނުއަނބުރާ ދައްކާ ގޮތަށް ހަމަޖެހިފައިވާ ފީއެއް ދައްކަންޖެހޭނެއެވެ.
ބީލަމުގައި ބައިވެރިވުމަށް ފައިސާ ދެއްކުމުގެ ފުރުސަތު 11 އޮގަސްޓުން ފެށިގެން 8 ސެޕްޓެމްބަރުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ފައިސާ ބަލައިގަންނާނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ. މި މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 80،000 ރުފިޔާ ހުށަހަޅަންޖެހޭނެއެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 14 ސެޕްޓެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

