ސަރުކާރުގެ ވެރިން ވައްކަންކުރުމުން އެ ވާހަކަދެއްކުމަކީ ފަރުދީ ޒިންމާއެއް ކަމަށާއި، މީޑިއާތަކުންވެސް އެ ވާހަކަ ދައްކަންޖެހޭކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މެމްބަރު ޣަފޫރު އެފަދައިން ވިދާޅުވީ ސަރުކާރަށާއި މީޑިއާތައް ރެގިއުލޭޓްކުރާ ކޮމިޝަނަށް މީޑިއާތައް ރެގިއުލޭޓު ކުރެވޭ ގޮތަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުންނެވެ.
ޣަފޫރު ވިދާޅުވީ، ސަރުކާރުން ކުރާ ވައްކަންތައް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ދިފާއުކުރަން އެއްވެސް މަސައްކަތެއް ނުކުރުމަށް ގޮވާލައްވާ ކަމަށާއި، އެކަންކަމުގެ ވާހަކަ މީޑިއާތަކުންވެސް ތިލަކޮށްދޭން ޖެހޭކަމަށެވެ. އަދި ވިދާޅުވީ، ކޮރަޕްޝަންގެ ވާހަކަތައް ގެނެސްދެނީ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ސަރުކާރުން ހިންގާތީ ކަމަށެވެ.
ވައްކަން ކުރީމާ އެ ވާހަކަ މީޑިއާގައި ދައްކަންޖެހޭ
މީގެ އިތުރުން، ދީން ނިވާފަތްގަނޑަކަށް ހަދައިގެން މި ޤައުމުގައި ވައްކަން ކުރަން ފުރުސަތެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ، އެންމެ ފުރަތަމަ ވައްކަމަށް އޮތް އަދަބުގެ ވާހަކަދެއްކުން މާ މުހިންމު ކަމަށެވެ.
’މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލެޝަން ގާނޫނު‘ އުފެއްދުމުގެ ގޮތުން ހުށަހެޅި އެ ބިލުގައި ވާގޮތުން މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފައްދަންޖެހެއެވެ.

