ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، އަނބުރާ ފޮނުއްވައިފިއެވެ.
މި ބިލަކީ، 6 އޮގަސްޓް 2025 ވީ ބުދަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަސްދީގު ކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.
ރައީސް މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލަށް އިތުރު އިޞްލާޙުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިވަޑައިގެންފައިވާތީއެވެ.
ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ހުދުމަތްތަކަކީ ވަށާޖެހިފައިވާ ގައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ހިދުމަތަކަށް ހެދުމަށްޓަކައި ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ވީހާވެސް ފުރިހަމަކަމާއެކީ ހާސިލުކުރެވޭނެ ގޮތަށް އެ ބިލު މުރާޖާކުރައްވައި ބިލަށް އިސްލާހު ގެންނަވަން ރައީސްއަށް ފެނިވަޑައިގަންނަވާތީ މި ބިލު އިސްލާޙްކުރުމަށް އެ މަނިކުފާނު ވަނީ ނިންމަވާފައެވެ.
އެހެން ކަމުން ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިސްލާހްތަކާމެދު ވިސްނުމަށް ރައީސް ވަނީ އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ މިއަދު ފޮނުއްވާފައެވެ.

