ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި އެމްއޭސީއެލްގެ ”ހުނަވަރު“ ޕްރޮގްރާމް، 54 ފަރާތަކާއިއެކު ނިންމާލައިފިއެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވަޒީފާ ނުލިބި ތިބި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި އެ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް އަދި ތައުލީމު ފޯރުކޮށްދޭ ފަރާތްތައް ގުޅުވާލުމަށް ޔޫތް މިނިސްޓްރީއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
އެމްއޭސީއެލްގެ ”ހުނަވަރު“ ޕްރޮގްރާމަކީ އެމްއޭސީއެލް އިން ކުންފުންޏަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ހިންގަމުން އަންނަ ޕްރޮގްރާމެވެ. އެގޮތުން ހަޔާއެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ”ދާލަން“ އެކްސްޕޯގެ ތެރެއިން އެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވި 25 ޒުވާނަކަށް ހިންގި ހަ މަހުގެ ތަމްރީން ޕްރޮގްރާމަކަށްފަހު އޭގެ ތެރެއިން 17 ފަރާތަކަށް ވަނީ އެމްއޭސީއެލް އިން ވަޒީފާ ދީފައެވެ.
އެމްއޭސީއެލް އިން އެ ޕްރޮގްރާމުގައި ބައިވެރިވެ ވަޒީފާގެ މާހައުލުގައި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ, ނަމަވެސް ސަނަދެއް ނެތް 34 މުވައްޒަފަކު ވަނީ މި ޕްރޮގްރާމްގެ ތެރެއިން ގައުމީ އޮނިގަނޑު ލެވަލް 3ގެ ސަނަދެއް ހާސިލުކޮށްފައެވެ.

